ފެނަކަ ކޯޕަރޭޝަން ގދ. މަޑަވެލި ހޯނޑެއްދޫ ސައިޓުގައި މަސައްކަތްކުރާ 14 މުވައްޒަފަކު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ސަސްޕެންޑް ކުރި މުވައްޒަފަކު ބުނެފައިވަނީ މުވައްޒަފުން ގދ.ފަރެސްމާތޮޑާގައި ތަރައްޤީ ކުރަމުން ގެންދާ އިންޖީނު ގޭގެ މމަސައްކަތަށް އެމީހުން ގެންދިޔުމަށްފަހު މުވައްޒަފުންނަށް އެކޮމޮޑޭޝަން ދީފައި ނުވާ ކަމަށާއި ކުންފުނީގެ ފަރާތުން އެތަނުގައި ހަވާލުވެގެން ހުރި ބޭފުޅާއަށް ޖަވާބުދާރީ ނުވެވުނު ކަމަށާއެވެ.
އިއްޔެ މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 8:30 އާ ހަމަޔަށް ފަރެސްމާތޮޑާގައި މުވައްޒަފުން ތިބިއިރުވެސް އެކޮމޮޑޭޝަން ދީފައިނުވާތީ ބީރައްޓެހި ރަށެއްގައި މަޑުކުރާނެ ގޮތެއް ނެތިގެން އެނބުރި ރަށަށް ދިޔައީ ކަމަށް މީޑީޔާއަށް މައުލޫމާތު ދީފައިވެއެވެ.
މަޑަވެލި ހޯޑެއްދޫ ސީ ޕީ އެސް ޕްރޮޖެކްޓްގައި މަސައްކަތްކުރާ ފެނަކައިގެ 14 މުވައްޒަފުންނަށް ކުންފުނިން އެންގީ އެދަތުރުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ހެޑްއޮފީހުން ވަކިގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށެވެ.
“އަޅުގަނޑުމެން އެރަށަށް ދިޔައިރު އެެރަށުގައި އަޅުގަނޑުމެންނަށް ތިބެވޭނެ އެއްވެސް ތަނެއް ނެތް. ދަބަސްގަނޑުވެސް ބާއްވަން ޖެހުނީ ފިނިއައްޓެއްގައި ހުރި ޖޯލިފައްޗެއްގައި. 14 މުވައްޒަފުންނަށް އެރޭގެ 8:00އާ ހަމައަށް ނިދާނެ ތަނެއް ކާނެ ތަނެއް ހަމަޖައްސައި ނުދިން. އަދި މިކަމުގައި ކުންފުނީގެ ފަރާތުން އެތަނުގައި ހަވާލުވެގެން ހުރި ބޭފުޅާއަށް ޖަވާބުދާރީ ނުވެވުމުން ބީރައްޓެހި ރަށެއްގައި ނުތިބެވޭނެކަމަށް ބުނެ އަޅުގަނޑުމެން ފުރައިގެން ރަށަށް އައީ. އަދި އެރަށަށް އަޅުގަނޑުމެން ދިޔައިރު ބަލިވެ ހުން އައިސްގެން ދާން އުޒުރުވެރިވި 4 މުވައްޒަފަކަށް، ނުގޮސްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދީފައިވާކަމަށް މިކޮޅު ސައިޓްގެ އެސިސްޓެންޓް މެނޭޖަރ ވަނީ ބުނެފައި.”އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފެނަކަ މުވައްޒަފަކު ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަން މަޑަވެލި ހޯޑެއްދޫ ސައިޓުގައި އެސަރަހައްދަށް ނިސްބަތްވާ 18 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު 14 މުވައްޒަފަކު މިވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ.

