ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިޔަށް ގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރި ނުވެވެނީ މިސަރުކާރުން ނެރެފައިވާ ޤާނޫނާއި ޚިލާފް ޤަރާރެއްގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުުންނަވައިގެން ކުރިޔަށް ގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިން ހަރަކާތްތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރެފައިވަނީ ޤާނޫނާއި ޚިލާފް ޤަރާރެއް ކަމަށާއި އެޤަރާރުގެ ސަބަބުން އިންޑިޔާ އައުޓް ހަރަކާތްތައް ކުރިން ހިންގިގޮތަށް ހިންގުމަށް ރަށްތަކަށް ދަތުރު ކުރެވެން ނެތް ކަމަށެވެ. އަދި ޕާޓީން ރިޔާސީ ޓިކެޓް ލިބިފައި ހުރި މީހަކު، ގާނޫނާ ޚިލާފަށް މަސައްކަތް ކުރަން ނިކުތުމަކީ ހަމަޖެހޭ ކަމަށް ނުވާ ކަމުގައި ޔާމީން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިޤަރާރުގެ ސަބުން އިންޑިޔާ އައުޓް ކެމްޕެއިން ނުހުއްޓުވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ޖަލުން މިނިވަން ވުމާއެކު އިންޑިޔާ އައުޓް ކެމްޕެއިިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ޕާޓީގެ މެންބަރުންނާއެކު ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ ދަތުރުކޮށްފައެވެ. އެހެންނަމަވެސް މިކެމްޕެއިން މިހާރުވަނީ މަޑުޖައްސާލެވިފައެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުން ޤާނޫނާއި ޚިލާފް ޤަރާރެއް ނެރުއްވިނަމަވެސް ފުލުހުން އެގަރާރު ތަންފީޒުކުރަމުންދާނެކަމަށާއި، މިހަރަކާތަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެ ގަރާރުގެ ސަބަބުން ހަމަނުޖެހުން އުފެދިދާނެ ކަމަށް ބެލެވޭތީ ކެމްޕެއިން މަޑުޖައްސާލީ ކަމަށެވެ.
“ދެން އިންޑިޔާ އައުޓް ހަރަކާތުގަ އަޅުގަނޑު އިސްވެހުރެ ރަށްތަކަށް ޒިޔާރަތްކޮށް މިހަދަނީ. މިކަންތަކުގެ ތެރޭގަ އަނެއްކާވެސް ހަމަނުޖެހުމަކަށްދާނީ.” ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ރަށުތެރޭގެ މަސަލަހައްޓަކައި މިވަގުތު ރަށްރަށަށް ދަތުރު ކުރުމުގެ ބަދަލުގައި އިންޑިޔާ އައުޓް ކެމްޕެއިން މަޑުޖައްސާލީ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

