މިދިޔަ ޖުލައިމަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ގދ.ފިޔޯރީ، ގދ.ރަތަފަންދޫ އަދި ގދ.ހޯޑެއްދޫ ހިމެނޭހެން 09 ރަށަކަށް 1.3 މިލިޔަން ރުފިޔާ ދީފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން (އެންޑީއެމްއޭ) އިން ބުނާ ގޮތުގައި ޖުލައިމަހު ކުރި ވިއްސާރަ އާއި ގުޅިގެން އުދައަރުވާ ފެންބޮޑުވެ ގެއްލުން ލިބުނު 10 ރަށެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 09 ރަށަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އެގޮތުން ގދ.ރަތަފަންދޫ، ގދ.ފިޔޯރީ، ގދ.ހޯޑެއްދޫގެ އިތުރުން ހދ.ވައިކަރަދޫ، ށ.ބިލެތްފަހި، ށ.ފުނަދޫ، ތ.ތިމަރަފުށި، ސ.މަރަދޫ އަދި ސ.މަރަދޫ ފޭދޫ ހިމެނެއެވެ.
އެންޑީއެމްއޭއިން ހެދި އެސެސްމެންޓުން ދައްކާގޮތުގައި ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ މިންވަރަށް 277 ގެއަކަށް ގެއްލުންވެ، 131 ގޭގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗާއި ޢިމާރާތަށް ގެއްލުންވިއެވެ.
އެންޑީއެމްއޭއިން ބުނީ ގޭބީސީތަކުގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ބަދަލުގެ ގޮތުގައި 294,562.60 ރ. އާއިި، ޢިމާތްރާތްތަކަށް ލިބުނު ގެއްލުމުގެ ގޮތުގައި 961,725 ރ. ދީފައިވާ ކަމަށެވެ.

