ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް އެމްއެންޑީއެފުން ހުއްޓުވައިފިއެވެ.
އެމްއެންޑީއެފްގެ މެރިން ފުލުހުން ހާމަކުރި ގޮތުގައި ޤަވައިދާ ޚިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދަތުރުކުރި ” ސައިތު ލައިން” ބޯޓު ހިފެހެއްޓުމަށްފަހު އަލުން މާލެ ވައްދާފައިވާ ކަމަށެވެ. އަދި ޤަވައިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް މެރިން ފުލުހުން ވަނީ އަންގާފައެވެ.
މީގެ އިތުރުން މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް އަދި ކަނޑު ގަދަ ދުވަސްވަރަކަށް ވުމާއެކު ޤަވައިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އަންގާފައެވެ. އަދި ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަންދީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިބޯޓު މާލެއިން ފުރީ މިއަދު ހެދުނުގެ ވަގުތެއްގައެވެ.
ކުރިޔަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

