ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް ޖަމައިކާއިން 2 އަހަރުު ދުވަހުގެ ޓްރެއިނިންގ ހޯދުމުގެ ފުރުސަތު ލިބިއްޖެއެވެ.
ޖަމައިކާ އަކީ ދުނިޔޭގެ އެންމެ އެލައިޓް އެތްލީޓުން ޓްރެއިނިން ހަދަމުންދާ އެއް ޤައުމެވެ. އިބާދުﷲއަށް މިފުރުސަތު ލިބިފައިވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ.
އިބާދުﷲ ދެކޭގޮތުގައި މިއީ އޭނަގެ ކުރިއެރުމަށް ލިބިގެންދާ އިތުރު ފުުރުސަތެކެވެ. އޭގެ ސަބަބުން އޭނަގެ ކާމިޔާބީއަށް އިތުރު ހަރުފަތެއް އިތުރުވެގެންދާނެ ކަމުގައި އޭނާ ދެކެއެވެ.
2015 ވަނަ އަހަރު ރައުހަތު ސްޕޯޓްސް އިން ފެށި ޓްރެއިނިން ވެގެންދިޔައީ އެތްލެޓިކްސްގެ ދުނިޔޭގައި ފިޔަޖަހަމުންދާ އިބާދުﷲއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
2017 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ސްކޯލާޝިޕެއް ލިބުނީ އިބާދުﷲ ސްކޫލްގައި ކިޔަވަމުން ދަނިކޮށެވެ. އެހެންނަމަވެސް އިބާދުﷲ ޤައުމީ ޓީމާއި ގުޅިފައިވަނީ 2018 ގައެވެ. ޤައުމީ ޓީމާއި ގުޅުމަށްފަހު، ބައިވެރިވި ފުރަތަމަ މުބާރާތުގައި 4x100m މީޓަރ ރިލޭއިން އިބާދުﷲ ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި 100 މީޓަރ ދުވުމުން ޔޫތު ރެކޯޑް ހަދާފައެވެ.
އެހެންނަމަވެސް މިއަހަރު މިރިކޯޑް ހޯދާފައިވަނީ ރައުހަތު ސްޕޯޓްސްއިން ޓްރެއިނިންގ ހާސިލް ކުރަމުންދާ ނާހިލް ނިޒާރު އެވެ.
2020 ގައި 100 މ ދުވުމުން އިބާދުﷲ ރިކޯޑް ހަދާފައިވަނީ 10.95 ސިކުންތުންނެވެ. އަދި 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ކުރިޔަށް ގެންދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެތުލެޓިކްސްގެ ހީޓް ފަހެއްގައި ވާދަކުރި އިބާދުﷲ ވަނީ 10.54 ސިކުންތުން ރޭސް ނިންމާފައެވެ. މިއީ 100 މީޓަރުގެ ރޭހެއް އިބާދުﷲ މިހާތަނަށް ނިންމި އެންމެ އަވަސް ވަގުތެވެ. އިބާދުﷲ އަކީ 100 މީޓަރު ދުވުމުގައި، ރާއްޖޭގައި ދެވަނައަށް އެންމެ ބާރު ދުވުުންތެރިޔާއެވެ.
އިބާދުﷲ އަންނަނީ ފަހަކަށް އައިސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

