2033 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުުނު އަދާލަތު ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 17 ވަނަ ބައްދަލުވުމުގެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ މީގެ 10 އަހަރު ފަހުން ރާއްޖޭގެ ރައީސްއަކަށް ހުންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.
ރޭ ބޭއްވުނު އަދާލަތު ޕާޓީގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި އެ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭން ތަސްދީޤުކޮށްފައެވެ. ސިޔާސީ ގޮތުން އަދި ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ނުވާ އަދާލަތު ޕާޓީގެ އެއްވެސް މެންބަރަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ނެތެވެ.
ދާދިފަހުން އިމްރާން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ. ނަމަވެސް ޤައުމީ މަސްލަހަތަށްވުރެ، ޕާޓީގެ މަސްލަހަތު އިސްކުރަން ޕާޓީގެ މެންބަރުން އެއްގޮތަކަށް ވެސް ނުރުހޭނެކަން ޔަޤީންކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

