ނެޓްފްލިކްސް އިން ދައްކާ ކޮންޓެންޓު ތަކަކީ އިސްލާމްދީނާއި ޚިލާފް ކޮންޓެންޓްތައް ކަމަށް ތުހުމަތުކޮށް "އިސްލާމީ އަގުތަކާ" ހިލާފުވެފައިވާތީ ސައުދީ އަރަބިއްޔާ އާއި ޖީސީސީ އިން ނެޓްފްލިކްސް އަށް އިންޒާރު ދީފިއެވެ.
ސައުދީ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މީޑިއާ ވޮޗްޑޮގްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ތައްޔާރުކޮށްފައިވާ ތަކެތި ހިމެނޭ ގޮތަށް ފަހުގެ މެޓީރިއަލްތަކަކީ ގަވާއިދުތަކާ ހިލާފު ތަކެތި ކަމަށެވެ. އަދި މިފަދަ ތުހުމަތުތަކެއް ކުރި އާންމު ބައެއް ފަރާތްތަކާ އިންޓަވިއުކޮށް ވަގުތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައިވެއެވެ.
ފްރާންސްގެ މައްސަލަ ބޮޑު ފިލްމު ކިއުޓީސްގެ ފޫޓޭޖްތައް ވެސް އަލް އެޚްބަރިޔާ ޓީވީން ނެރުނު ރިޕޯޓުގައި ހިމަނާފައިވާއިރު، ނެޓްފްލިކްސް އަކީ "ކުދިންގެ ދުޅަހެޔޮ ތަރުބިއްޔަތަށް ނުރައްކާވާ އަޚްލާގީ ގޯސް މެސެޖުތަކުގެ ސިނަމެޓިކް ކަވަރެއް" ކަމަށް ތުހުމަތުކޮށްފައިވާ ކެޕްޝަނެއް ހިމަނާފައިވެއެވެ.
އަލް އެޚްބަރިޔާގެ ވެބްސައިޓުގައި ނެރުނު އަނެއް ވީޑިއޯއެއްގައި ތުހުމަތުކޮށްފައި ވަނީ އެ ސްޓްރީމިން ހިދުމަތަކީ "އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މާބޮޑަށް ފޯކަސްކޮށްގެން އެއްޖިންސުން ގުޅުން ހިންގުން ކުރިއެރުވުން" ކަމަށެވެ.
"ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ކޮންޓެންޓް ހިމެނޭ ގޮތަށް މި ކޮންޓެންޓް ނައްތާލުމަށާއި ގާނޫނުތަކަށް ތަބާވާކަން ކަށަވަރު ކުރުމަށް [ނެޓްފްލިކްސް] އާއި ގުޅި،" ސައުދީ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާ އާއި ޖީސީސީ ކޮމިޓީ އޮފް އިލެކްޓްރޯނިކް މީޑިއާ އޮފިޝަލުންގެ ޖޮއިންޓް ބަޔާނުގައިވެއެވެ.
އެ ޑިރެކްޓިވްތަކަށް އަމަލުކުރާ ގޮތް ކަމާބެހޭ ފަރާތްތަކުން ފޮލޯއަޕް ކުރާނެ ކަމަށާއި، "އަޅާލާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ހާލަތެއްގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ" ކަމަށް އިންޒާރު ދީފައިވެއެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ޚާއްޞަކޮށް ސައޫދީން ޑިމާންޑްކޮށްފައި ވަނީ "އިސްލާމީ އަދި މުޖުތަމައުގެ އަގުތަކާއި އުސޫލުތަކާ" ހިލާފުވާ ކަމަށް ބެލެވޭ ހުރިހާ ކޮންޓެންޓެއް ނެޓްފްލިކްސް އިން ނައްތާލުމަށެވެ.
މި ތުހުމަތު ތަކަށް ނެޓްފްލިކްސް އިން މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނެފައި ނުވެއެވެ.

