ކޮވިޑް-19 އާއި ގުޅިގެން ރިލީފް ލޯނު ދޫކުރުމުން އިގްތިސާދަށް ވަރަށް ފައިދާ ކުރި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ވިދާޅުވީ، ލޯނުތައް ދޫނުކުރި ނަމަ، އިގްތިސާދު މިހާރަށް ވުރެ ވެސް ގޯސް ވީސް ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީފައި ހުރީ ރަނގަޅަށް ކަމަށެވެ.
މިދިޔަ އަހަރުގައި 29 އިންސައްތައިގެ ދަށްވުމެއް ފެނުނު ކަމުގައި ވިޔަސް، މި ލޯނުތައް ދޫ ނުކުރި ނަމަ އެއަށްވުރެ ބޮޑަށް އިގްތިސާދު ދަށްވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.
ލޯނު ދިނުމުގައި ޓޫރިޒަމް ސެކްޓާ އަށް އެކަނި އިސްކަން ދީފައި ނުވާނެ ކަމަށާއި، ކޮންސްޓްރަކްޝަނާއި ރީޓެއިލް ސެކްޓާ އަށް ވެސް ލޯނުތައް ދޫކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވީހާވެސް ލުއި ގޮތަކަށް ލޯނުތަށް ދީފައިވާނެ ކަމަށާއި ވީހާވެސް ކުޑަ އިންޓަރެސްޓް ރޭޓްތަކެއް ގައި ލޯނު ދޫކޮށްފައިވާ ކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ.
މިހާތަނަށް 2،100 އެސްއެމްއީއަކަށް 360 މިލިއަން ރުފިޔާ ދީފައިވާ އިރު ،ބޮޑެތި 400 ވިޔަފާރިއަކަށް 585 މިލިއަން ރުފިޔާ އާއި 8 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު 22،000 މީހުންނަށް 420 މިލިއަން ރުފިޔާ ދޫކޮށްފައި އެވެ.

