އެމެރިކާގެ ކެލިފޯނީގެ ބީޗަކުން ގިނަ އަދަދެއްގެ ލޭ ބޯ ސުއިއްޕެއް ފެންނަމުންދާތީ އެސަރަހައްދުގެ މޫދަށް ދާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ.
މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން "މިނީ ޝާކްސް" ނަމަކަށް ކިޔާ މިކުޑަކުޑަ ސުއިއްޕަކީ އިންސާނުންގެ ގައިން ގިނަ އަދަދަކަށް ލޭ ބޯ ސުއިއްޕެކެވެ. އަދި ލޭ ބޯލެއް ގިނަ ކަމުން މީހުންގެ ގައިން ވަރުދޫވެ ވަރުބަލިކަން އިހުސާސް ކުރެވެއެވެ.
ހަމައެއާއެކު އޭތި ދަތްއަޅައިފިނަމަ އޭގެ ތަދުވެސް އިހުސާސް ކުރެވެއެވެ. އަދި މޫދުން އަރާއިރު، ފައި ތިލައިގައި ދަތްއަޅާފައި ހުންނަ ތަންތަނުން ގިނަ އަދަދަކަށް ލޭތައް އޮހެރެމުން ދާ ކަމަށްވެސް މިކަންތައް ތަޖުރިބާކޮށްފައިވާ މީހުން ބުނެއެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ މިނީ ޝާކްސްގެ އުނދަގޫ ބޮޑުވެގެން އެކަމާ ޝަކުވާ ކުރަމުންނެވެ.

މިނީ ޝާކް
ވޯޓާ ލައިން އައިސޮޕޮޓްސްގެ ނަން ދެވިފައިވާ މި ސުއިޕަކީ 0.3 އިންޗިއަށް ބޮޑުވާ އެއްޗެކެވެ. މީގެ ސައިޒު ކުޑަ ނަމަވެސް މިއީ އަވަހަށް އާލާވެ އިތުރުވާ އެއްޗެކެވެ. އެގޮތުން އާއްމުގޮތެއްގައި މި އެއްޗެހި އުޅެނީ ގުރޫޕު ހަދާފައެވެ. ކޮންމެ ގުރޫޕެއްގައި 10000 އެއްހާ މިނީ ޝާކްސް އުޅެއެވެ.

