ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ކުރިޔަށް ގެންދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދަށް ތާވަލް ކުރެވުނު އަޑުއެހުން ކެންސަލްކޮށްފައިވަނީ ރައީސް ޔާމީންގެ ބަލިހާލަތު ހުރި ގޮތުންނެވެ.
މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޔާމީންގެ ބަލިހާލަތު ހުރިގޮތުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީފުޅެއް ލިބިފައިވާތީ މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެފައިސާ ލޯންޑާ ކުރި މައްސަލައިގެ ތުހުމަތުގައި މިއަދު ބާއްވަން ތާވަލްކުރެވުނީ ހެކިބަސް ނެގުމުގެ ޝަރީއަތެކެވެ. އިއްޔެ ބޭއްވުނު އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.
އެގޮތުން ދިފާއީ ހެއްކެއްގެ ގޮތުން އިއްޔެ ހުށަހަޅާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. ނަރީޝް ވިދާޅުވީ ޔާމީން ދެއްވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައިމާ ހަވާލުކުރި ކަމަށެވެ.
ނަރީޝްގެ އިތުރުން މި މައްސަލައިގާ އަދިވެސް އިތުރު ދިފާއީ ހެކިން ހުށަހަޅާފައި އެބަހުއްޓެވެ.
މައްސަލައިގާ ޔާމީންގެ މައްޗަށް ވަނީ ޖުމުލަ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ދެން ދައުވާކޮށްފައިވަނީ ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ޔޫސުފް ނައީމްގެ މައްޗަށެވެ. ދެ ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރައްވައެވެ.

