ލިވާތުކުރި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެއް ޖިންސުގެ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މިމަހު 6 ވަނަ ދުވަހު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އުމުރުން 45 އަހަރުގެ މީހަކާއި، 27 އަހަރާއި 49 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.
އޭގެތެރެއިން އުމުރުން 45 އަހަރުގެ ލ.ކަލައިދޫ، ވަޒަން، އާދަމް ޙަލީމްގެ ނަން ފުލުހުން ހާމަކޮށްފައިވާއިރު ދެންތިބި ދެމީހުންގެ ވަނަވަރު ހާމަކޮށްފައިނުވެއެވެ.
އާދަމް ހަލީމްގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާކަމަށް އާދަމް ހަލީމް ބުނުމުން ކޯޓުން އޭނާގެ ބަންދަށް ދިނީ 05 ދުވަހެވެ.
ދެން ތިބި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 14 ދުވަސް ޖަހާފައެވެ.
ލިވާތުކުރުން ފަދަ ބޮޑެތި ކުށްކުރާ މީހުން މުޖުތަމައުން އެކަހެރި ނުކޮށް ތިބުމަކީ އާންމުންގެ ކަންބޮޑުވުން އޮތްކަމެކެވެ. އެހެންވެ މިކުށްކުރާ މީހުން ހައްޔަރުކުރުމަށް ވެސް ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

