ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމާއި ހަވާލުވުމަށްފަހު މިއުވާން މުހައްމަދުގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މިއަދު މެންދުރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު މެންދުރު 1 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސް ޓީވީ ޗެންލަތްކުން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ތަރުޖަމާނު ކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިއުވާން ބާއްވާ ފުރަތަމަ ކޮންފަރެންސެވެ.
މީގެ ކުރިން ތުޖަމާނު ކަމުގައި ހުންނެވި މަބުރޫކް ގެންދިޔައީ ކޮންމެ މަހަކު ޕްރެސް ކޮންފަރެންސް ބާއްވަމުންނެވެ. އެހެންނަމަވެސް މަބްރޫކު އެމަޤާމުން އިސްތިއުފާ ދެއްވުމުން އެމަޤާމަށް ހޮވިފައިވަނީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި މިހާތަނަށް ހުންނެވި މިއުވާން މުހައްމަދެވެ.
މިއުވާނަކީ މީޑިއާގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެމަޤާމަށް މަބުރޫކް އައްޔަން ކުރެއްވީ 2021 ޖަނަވަރީ 1 ވަނަ ދުވަހުއެވެ. މަބްރޫކް އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއްކަން ފާހަގަކޮށް އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

