ޏ.ފުވައްމުލަކުގައި ރަޖިސްޓްރީ ބޯޑު ނުޖަހާ ވެހިކަލްތައް ދުއްވާ މައްސަލަ ފެންމަތިވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ފުވައްމުލަކު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަސައްކަތްކުރުމަށް ގެންގުޅޭ ވެހިކަލް ތަކުގައި ނަމްބަރު ބޯޑު ނުޖަހައި ބޭނުންކުރާކަން ވަނީ ފާހަނގަވެފައެވެ. އެރަށުގެ ރައްޔިތުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އެރަށު ބަޔަކު ވަނީ އެވެހިކަލްތަކުގެ ފޮޓޯ ނަގައި މީސްމީޑިޔާއަށް ލާފައެވެ.
މީގެއިތުރުން ފުވައްމުލަކު ތޮށިލުމުގެ މަސައްކަތުގައި ބެނުންކުރާ ހެވީލޯޑް ވެހިކަލް ތަކުގައިވެސް ނަމްބަރު ބޯޑު ނުހުންނަކަށް ވަނީ އެފަދަ ފަރާތްތަކުން ފާހަގަކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުން ދިވެހިރާއްޖޭގެ މަގު ތަކުގައި އިންޖީނު ލީ އެއްޗިހި ނުވަތަ ބެޓްރީގެ ހަކަތައިންވިއަސް ދުއްވާއެއްޗެހި ދުއްވޭނީ ޓްރާންސްޕޯޓް ގައި ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކައިގެންނެވެ. ހަމައެއާއެކު މިނިސްޓްރީގެ ގަވައިދުގައި ދައްކާފައިވާ ނަމޫނާ އަކާ އެއްގޮތަށް ނަމްބަރު ބޯޑު ހަދައި އެދުއްވާ އެއްޗެއްގައި ފެންނަގޮތަށް އެ ބޯޑް ހަރުކުރަންޖެހެއެވެ.
އެއީ ކުޑަވެގެން ގޮސް ބެޓެރީން ދުއްވާ ބައިސްކަލަކަށްވިއަސް ބޮޑުވެގެން ހައިމާކް ނުވަތަ ކްރޭނަކަށްވިއަސްއެކަން އެ ޤަވާއިދުގެ ތެރެއިން ހަމަޖެހިފައިވާ ގޮތެވެ. އަދި އެއީ އަމިއްލަ ފަރުދެއްގެ އެއްޗަކަށް ވިއަސް އަދި ކިތަންމެ ބޮޑު ކުންފުންޏެއްގެ ވެހިކަލަކަށް ވިއަސް ހަމައެފަދައިން ކަންތައް ކުރަން ޖެހުމަކީ އެޤަވާޢިދުގެ ދަށުން ވެހިކަލުގެ ވެރިފަރާތަށް ލާޒިމް ކުރާ ކަމެކެވެ.
މިފޮޓޯތައް މީޑީޔާގައި ހިއްސާ ކުރި ފަރާތުން ބުނެފައިވަނީ ވެހިކަލް ތަކުގައި ނަމްބަރު ބޯޑު ނުޖަހައިވިޔަސް އެ ދެކުންފުނިން ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ކޮށްދެމުންދާ ބުރަ މަސައްކަތްތައް ވަރަށް އުފަލާ އެކު ބަލައިގަންނަކަމަށެވެ.
އެކަމަކު ރަށަށް ކިތަންމެ ބޭނުންތެރި ކަމެއް ކޮށްދެއްވިއަސް ގާނޫނާއި ގަވާއިދުގެ ތެރެއިން ގެންދިއުމަށް އެދޭ ވާހަކަ ވެސް އެފަރާތުން ވަނީ ފާހާގަކޮށްފައެވެ.

