މަޑަވެލި، ހޯނޑެއްދޫ އަދި ނަޑެއްލާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް އިބްރާހިމް ނާފިޒް ( ޗިކާ ) ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.
އިއްޔެ ހޯނޑެއްދޫ ސްކޫލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މަޑަވެލި، ހޯނޑެއްދޫ އަދި ނަޑެއްލާ ސްކޫލުން 2020-2021 ދިރާސީ އަހަރު ބެސްޓް އޯލް ރައުންޑް ހޯދި ދަރިވަރުންނަށް ނާފިޒް ވަނީ ލެޕްޓޮޕް ހަދިޔާ ކޮށްފައެވެ.
އެގޮތުން މަޑަވެލީ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޒަހާ ވަހީދުއެވެ. ހޯނޑެއްދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އިނާޝާ ޝަރީފް ހޮވިފައިވާއިރު ނަޑެއްލާ ސްކޫލުން ހޮވިފައިވަނީ މުހައްމަދު ޚަލްފް ސާލިހުއެވެ.
މިރަސްމިއްޔާތުގައި ހޯނޑެއްދޫ ކޯޓުގެ އިސްމެޖިސްޓްރޭޓުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ނާފިޒް ވިދާޅުވީ މިފަދަ ދީލަތި އެހީތެރިކަމެއް ދަރިވަރުންނަށް ދިނުމަށް ނިންމީ އެކުދިން ކުރި މިންނެތް މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކަމަށާއި އަންނަ އަހަރުވެސް މިތިން ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް މިފަދަ ދީލަތި އެހީތެރިކަމެއް ދޭނެ ކަމަށެވެ.
2020-2021 ދިރާސީ އަހަރު ފެށިގެން އައިއިރު މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގައި ކިޔަވާ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ނާފިޒް ބުނެފައިވަނީ މިހިނގާ ދިރާސީ އަހަރުގައި މިތިންރަށުގެ ސްކޫލްތަކުން އެންމެ މަތީ ނަތިއްޖާ ހާޞިލްކޮށް އެއްވަނަ ހޯދާ ދަރިވަރަކަށް ހަދިޔާއެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭނެކަމަށެވެ. އަދި ކިޔެވުމަށް ދަރިވަރުންކުރާ މިންނަތް މަސައްކަތް ބަލައިގަނެ، އަގުވަޒަންކުރުމުގެ ގޮތުން، ނާފިޒު ނިސްބަތްވާ ދާއިރާއަށް މިފަދަ ކަމެއް ކޮށްދިނުމަކީ ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްގެ ގޮތުގައި ނާފިޒް ވަނީ ސިފަ ކޮށްފައެވެ.
ނާފިޒް އަކީ ތައުލީމީ ދާއިރާއަށް ގިނަގުނަ އިޖްތިމާއީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހަމައެއާއެކު ނާފިޒް ވަނީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

