ޖީއެސްޓީ ހިމެނޭހެން، މިދިޔަ އަހަރުގެ ނިޔަލަށް މީރާ އަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް، އެ އިދާރާ އިން މިއަދު ބުނެފިއެވެ.
އެއިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މުއްދަތުތަކަށް ނިސްބަތްވާ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ޓެކުހާއި ފައިސާ ދައްކާފައިވާ ނުވާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ޓެކްސް ނުދައްކާ ތިބި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ގޮތުން، އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އެގޮތުން މިމަހު ހާމަކުރާނީ އިންކަމް ޓެކްސް ފިޔަވައި، ޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން ވިތުހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތެވެ. އަދި ހަމައެއާއެކު އަންނަ މަހުގައި އިންކަމް ޓެކްސް ބަޔާން ހުށަނާޅާ، ދައްކާފައިނުވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މީރާ އިން ވަނީ ޓެކުހާއި ފައިސާ ނުދައްކާ، އަދި ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެ އިހުތިޔާރެއް ދީފައެވެ. އެއީ:
- ލަސް ނުކޮށް ބަޔާން ހުށަހެޅުން، ނުވަތަ ޓެކުހާއި ފައިސާ ދެއްކުން
- ނުވަތަ މީރާ އަށް ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުން
އިތުރު މައުލޫމާތު ހޯދުމަށް މީރާގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅުމަށް ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖު ކުރުމަށް މީރާއިން ވަނީ އެދިފައެވެ.

