މި ހިނގާ 2022 ވަނަ އަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ގދ.ފަރެސަމާތޮޑާގައި ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސައިފިިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ދެކުނުގެ ރަށެއްގައި ފާހަނގަ ކުރުމަށެވެ. އެގޮތުން މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާން ނިންމާފައިވާ ރަށަކީ ގދ. ފަރެސްމާތޮޑާއެވެ.
މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައެވެ.
މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ސަގާފަތާއި އާދަކާދައާ ގުޅިފައިވާ އެ ސިނާއަތުގެ ތެރެއިން މަސްވެރިން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް އެކަން ފާހަގަކުރާ ދުވަހެކެވެ. މިއަހަރު މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަނގަކުރަން ނިންމި ނަމަވެސް، މި އަހަރުގެ މަސްވެރިންގެ ދުވަހު ބާއްވާނެ ހަރަކާތްތަކެއް އަދި މިނިސްޓްރީން އިއުލާނެއް ނުކުރެ އެވެ.
މަސްވެރިންގެ ދުވަސް ދެކުނުގެ ރަށެއްގައި ފާހަގަކުރަން ސަރުކާރުން ނިންމާފައިވާއިރު، މަސްވެރިންނަށް ބާނާ މަހަށް ހަމަ އަގު ނުލިބުމާއި، މަސް އެކްސްޕޯޓުކުރުމާއި، މަސް ކިރުމުގައި އަދި މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން އެކަމާ ވިދިގެން މަސްވެރިންގެ ފަރާތުން އަބަދުވެސް ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ.

