މަޝްރޫއުތައް ހިންގުމުގައި މަކަރު ހަދައި އޮޅުވާލި 11 ކުންފުންޏެއް ފިނޭންސް މިނިސްޓްރީން ސަސްޕެންޑުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ވާ ގޮތުން ކުންފުނިތަކާއި ހަވާލުކުރި މަޝްރޫއު ދިން މުއްދަތަށް ނުނިންމައި، މަކަރު ހަދައި އޮޅުވާލި ކަމުގެ ތުހުމަތުގައި 11 ކުންފުންޏެއް މިވަނީ ސަސްޕެންޑްކޮށްފައެވެ. އެގޮތުން ގިނަ ކުންފުނިތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވާއިރު އަނެއް ބައި ކުންފުނިތައް ތިން އަހަރަށް އަދި ހަ މަހަށްވެސް ސަސްޕެންޑް ކޮށްފައިވެއެވެ.
މިނިސްޓްރީން ބުނާގޮތުގައި މި މުއްދަތު ހަމަވަންދެން އެ ކުންފުނިތަކަށް ސަރުކާރުން ކުރިއަށްގެންދާ އެއްވެސް ބީލަމެއްގައި ބައިވެރި ނުވެވޭނެ އެވެ. އެ ކުންފުނިތަކާ އެއްވެސް މަޝްރޫއެއްވެސް ހަވާލު ނުކުރެވޭނެއެވެ.
ސަސްޕެންޑުކުރި ކުންފުނިތަކާއި އެ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއު:
- ގުޑް ވޯކްސް މޯލްޑިވްސް: މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުކުރުން
- މާރިސް: ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތް ނުކުރެވުން
- ވޯޓާޕާކް މޯލްޑިވްސް: ރ. އުނގޫފާރާއި ވ. ކޮޔޮދޫ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލް ހެދުމުގެ މަސައްކަތް ނުކުރެވުން
- ވިންކް މޯލްޑިވްސް: ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑުގައި އޮޅުވާލާފައިވުން
- ޓޮމީ އިންޖިނިއަރިން: ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑުގައި އޮޅުވާލާފައިވުން
- ޓީއެންޑީބީ އިންޖިނިއަރިން: ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑުގައި އޮޅުވާލާފައިވުން
- އެސްބްރޯ މޯލްޑިވްސް: ވ. ރަކީދޫ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތް ނުނިންމުމާއި ލ. ގަން މުގުރިމަގު ސްކޫލް އޮފީސް އިމާރާތް ނުނިންމުން
- ކޭއެސްއޭ މޯލްޑިވްސް: ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
- އެސްޓޮނިސް ކްލީނިން ކޮމްޕެނީ: ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
- މޫވް އެކްސް: ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޓްރެކްތައް ހޯދައި ނުދެވުން
- އެލްއެފް ކޮންސްޓްރަކްޝަން: ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުން
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށްފަހު، އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. އެގޮތަށް ފިޔަވަޅު އެޅޭނީ އެ ކުންފުންޏާ ދެކޮޅަށް ބަލައި މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމައެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑް ކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުމާއި އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ހިމެނެ އެވެ.

