އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ސިލްސިލާ ގޮތަށް ކުރިޔަށް ގެންދާ "މަހޯލި" މަސައްކަތު ބައްދަލުވުން ގދ.ތިނަދޫގައި ބާއްވައިފިއެވެ،
އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި މަޑަވެލި އަދި ހޯޑެއްދޫގެ ސަރުކާރުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމިޓީގެ ބޭފުޅުންނާއި އެހެނިހެން މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ކުރިޔަށް ދިޔަ ބައިތަކަށް ބަލާލާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނަކީ ކޮބައިކަމާއި އިންފޮމޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާތައް ކިޔައިދެވުނެވެ. އަދި ހަމައެއާއެކު އަމިއްލަ އިސްނެގުމުގައި ހަމަކުރަންޖެހޭ މައުލޫމާތު (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 37 ވަނަ މާއްދާ)ގެ އިތުރުން މައުލޫމާތު ދިނުމުގައި އިސްތިސްނާ ހާލަތްތައް ކިޔައިދެއްވިއެވެ.
މީގެއިތުރުން މިއަހަރު މެއިމަހު ތައާރަފްކުރެވުނު މަހޯލި ޕޯޓަލް ބޭނުން ކުރާނެ ގޮތް މިބައްދަލުވުމުގައި ކިޔައިދެވުނެވެ.
ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ސާނަވީ ދަރިވަރުންނަށް މައުލޫމާތު ސެޝަނެއް ރޭގައި ވަނީ ބާއްވައިފައެވެ. މިސެޝަން ނަގައިދެއްވީ އިންފޮމޭޭޝަންކޮމިޝަނަރ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝިޔާމް، ލީގަލް އޮފިސަރ އައިޝަތު ޔޫސުފް ފުޅު، ޕްރޮގްރާމް އޮފިސަރ ހައްވާ ރައުދާ އަދި ފިނޭންސް އޮފިސަރ މަރިޔަމް ނޫރާއެވެ.

ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ސާނަވީ ދަރިވަރުންނަށް ބޭއްވުނު މައުލޫމާތު ސެޝަން – ފޮޓޯ: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
މި ޕޯޓަލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު ވީހާ ވެސް ފަސޭހަ ގޮތެއްގައި އާންމުންނަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ތައާރަފު ކޮށްފައިވާ ޕޯޓަލްއެކެވެ. މަހޯލި ޕޯޓަލްގެ އެހީގައި ދައުލަތުގެ އިދާރާތަކުގައި ހޯދަން އެދޭ މައުލޫމާތު ލިބުމުގައި ވެސް ގިނަ ފަސޭހަތަކެއް ވެގެން ދާނެއެވެ.
ހަމައެއާއެކު މައުލޫމާތު ނުލިބިއްޖެނަމަ، ނުވަތަ ލިބޭ މައުލޫމާތާމެދު ހިތްހަމަ ނުޖެހޭ ނަމަ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މުރާޖައާ ކުރުމަށް ކަމާގުޅޭ ކޮމިޓީއަށް އެކަމުގެ ޝަކުވާ ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ޕޯޓަލް ތަޢާރަފް ކޮށްފައިވަނީ ދައުލަތުގެ 243 އިދާރާތަކާ އެކުގައި ކަމަށް އިންފޮމޭޝަން ކޮމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކާއި، މިނިވަން މުއައްސަސާތަކާއި ކައުންސިލްތައް ހިމެނޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް ޕޯޓަލްގެ ވިއުގައާ ގުޅޭނެ ކަމަށް އެ އޮފީހުން ވަނީ ފާހަނގަކޮށްފައެވެ.