2023 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިޚާބަކީ އެންމެ ރީތި މީހަކު ރާއްޖޭގެ ވެރިކަމަށް ހޮވުމަށް ބާއްވާ ރީތީގެ މުބާރާތެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބު ލީޑަރު އަލީ މައުރޫފް އަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށާއި އިންތިޚާބުގައި ހޮވަން ވާނީ ތެދުވެރި އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ.
މައުރޫފް ވިދާޅުވެފައިވަނީ އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދަކީ ވަރަށް ރީތި ޒުވާން ބޭފުޅެއް ކަމަށާއި ސިޔާމްގެ ރީތިކަމަށް ބަލާފައި ވެސް އޭނާ ރައީސް ކަމަށް ގެންނަން ގިނަ ބަޔަކު ވޯޓްދޭނެ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ އެޓާނީޖެނެރަލް ޑރ.ހަސަން ސައީދަށް ގިނަ ބަޔަކު ވޯޓް ދިނީ ވެސް ޑރ.ހަސަން ސައީދު ރީތިކަމުން ކަމަށެވެ. ހަސަން ސައީދަކީ ތަޖުރިބާ ނެތް ބޭފުޅަކަށް ވީނަމަވެސް އެބޭފުޅާއަށް ގިނަ ވޯޓް ލިބިފައިވާކަން މައުރޫފް ވަނީ ފާހަނގަކުރައްވާފައެވެ.
ޒައިދު ވިދާޅުވީ ވެރިކަމަކީ ހަވާލުކުރެވޭ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި އެމަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވަނީ ތެދުވެރި އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ. އެހެނީ ޤިޔާމަތްދުވަހުން އެމަސައޫލިއްޔަތްތަކާއި މެދު އެމީހަކާއި ސުވާލުކުރެވޭނެ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
2013 ވަނަ އަހަރު ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތަށް ޝިޔާމް އެރިއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ޝިޔާމް ޔާމީނަށް ތާއީދު ނުކުރައްވައެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ނައިބު ލީޑަރު ޝިޔާމް ވެރިކަމަށް ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

