"އަސްދާނު" ދޯނިން ރެކޯޑް އަދަދަކަށް މަސް ބާނައިގެން މަސްވެރިކަމުގެ އާ ރިކޯޑެއް ހަދައިފިއެވެ.
ތ.ވޭމަންޑޫ "އަސްދާނު" ދޯނިން މިރިކޯޑް މުގުރާލީ ޒުވާން ލީޑަރޝިޕަކާ އެކު ތަފާތު ގޮތަކަށެވެ. އަސްދާނު ދޯނީގެ ޒުވާން ކެޔޮޅު ކަމަށްވާ އެންމެ 19 އަހަރުގެ އަހުމަދު ރަޝްނާން މަސްވެރި މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މިދޯނިން ރިކޯޑް މުގުރާލީ 23 ޓަނުގެ މަސް ބާނައިގެންނެވެ. މީގެކުރިން މިދޯނި އެންމެ ގިނައިން މަސް ބޭނީ މިދިޔަ ރަމަޟާންމަހުގައި ކަމަށް ރަޝްނާން ވަނީ މައުލޫމާތު ދީފައެވެ. 85 ފޫޓުގެ މި ދޯނި މޫދަށް ބާލައިގެން ދުއްވާތާ ހަތް އަހަރު ވެފައި ވާއިރު މިދިޔަ ރޯދަމަހުގައި 20 ޓަނު މަސް މިދޯނިން ވަނީ ބާނާފައެވެ.
މީޑީޔާއަށް މައުލޫމާތު ދެމުން އެދޯނިން ވާހަކަ ދެއްކި މީހާ ބުނާ ގޮތުން އެދޯނީގައި ހަރު އުމުރުގެ މީހުންނާއި އެއްވަރަށް ޒުވާނުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޖުމްލަ 23 މީހުން އެދޯނީގައި މަސައްކަތް ކުރެއެވެ.
މަސްވެރިކަމުގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ މަސް ކިރުމުގެ މައްސަލަ ކަމަށާއި މަސްވެރިކަމަކީ ސީޒަނަލް ކަމަކަށް ވުމުން، މަސް ބާނާ ދުވަސްކޮޅުގެ ތެރޭގައި މަސްކޮޅު ކިރުމަށް ވަރަށް ބޮޑަށް ދަތިވާކަމަށް މަސްވެރިން ވަނީ ފާހަނގަކޮށްފައެވެ. އެގޮތުން ކިނބިދޫ ދާއިރާ ހިމެނޭ ސަރަހައްދުގައި މަސް ކިރާނެ ބޯޓުފަހަރު މަދުވުމާއި "މަސްކޮޅެއް ބާނާއިރަށް" މަސް ގަންނަ ފަރާތްތަކުން މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ވަނީ ފާހަނގަކޮށްފައެވެ.
މިހާރަކަށް އައިސް މަސްވެރިކަމުގެ ދާއިރާގައި ޒުވާނުން ދަނީ އިތުރުވަމުންނެވެ. ޓްރެއިނިންގ އެއް ލިބިފައި ނެތްނަމަވެސް މަސްވެރިކަމަކީ ޒުވާނުންނަށް ގިނަ ފުރުސަތްތަކެއް އޮތް ދާއިރާއެކެވެ.

