ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ)ގެ ފަރާތުން ގދ.ތިނަދޫގައި ބިލިޔާރޑް މުބާރާތެއް ފަށަން ނިންމައިފިއެވެ.
މިމުބާރާތުގައި 32 ފަރާތަކަށް ފުރުސަތު ދެވިގެންދާނެއެވެ. ޑަބަލް އެލިމިނޭޝަންގެ 81 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާ ލިބިގެންދާނެއެވެ.

20 ސެޕްޓެމްބަރ 2022 އިން ފެށިގެން ބިލިޔާރޑް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 އޮކްޓޫބަރ 2022 އިން 20 އޮކްޓޫބާރ 2022 އަށް އެސްސީޔޫ ކޮމިއުނިޓީ ސެންޓަރުގެ ކުޅިވަރު އެކުވެނީގައެވެ.
ގދ.ތިނަދޫއަކަި ކުޅިވަރުގެ ދާއިރާގައި ކުރިއަރަމުން އަންނަ ރަށެކެވެ. އެހެންކަމުން ބިލިޔާރޑް ކުޅުމުގައިވެސް ފުދޭ ވަރަކަށް ޕްރެކްޓިސް ކުރަމުން އަންނަ ރަށެކެވެ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގައި މިހާރުވެސް ބިލިޔާރޑް ކުޅެވޭގޮތް ވަނީ ހަދާފައެވެ. އަދި މީގެކުރިން ތިނަދޫގައި ބިލިޔާޑް ކުޅުމުގެ ކުދި މުބާރާތްތައް ވަނީ ބެއްވިފައެވެ.
ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ)އަކީ ގދ.ތިނަދޫގައި ވަރަށް ފަހުން ހިންގަން ފެށި ކްލަބެކެވެ.

