މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެންނާއި އައިސް ނުލިބިގެން އުކާލަން ޖެހުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. މިއަދުވެސް ހުވަދު އަތޮޅު ދޯންޏަކުން ބޭނި މަސްކޮޅު ޖެހުނީ ކަނޑަށް އުކާލާށެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން ހުވަދު އަތޮޅުގެ މަސްވެރިޔަކު ބުނި ގޮތުގައި ގއ.ކޫއްޑޫއިން އައިސް ނުލިބިގެން ދޯންޏަކުން ބޭނި މަސްކޮޅު ކަނޑަށް އުކާލީއެވެ. ކޫއްޑޫއިން ބުނަނީ އައިސް ނެތް ކަމަށެވެ. ކޫއްޑޫގެ އިތުރުން އެހެން އައިސްޕްލާންޓްތަކުންވެސް ބުނީ އައިސް ލިބެން ނެތް ކަމަށެވެ. އެހެންކަމުން އައިސް ނުލިބިގެން މަސްތައް ހަލާކުވުމުން ކަނޑަށް އުކާލީ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
ހުވަދު އަތޮޅުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި އައިސް ނުލިބުމަކީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. މިއީ އެތައް ފަހަރެއްގެ މަތިން ސަރުކާރުގައި ދަންނަވައިގެންވެސް ހައްލު ނުވި މައްސަލައެކެވެ.
ދާދި ފަހުން ފިޝަރީޒް މިނިސްޓަރު ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ޒިޔާރަތުގައި އެސަރަހައްދުގެ މަސްވެރިންނަށް ބައްދަލުކުރައްވާ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުމަކީ މަސްބާނާ ދުވަސްވަރު މަސް ކިރުވުމުގައި ހުރި ދަތި އުނދަގޫކަމާއި އަދި އައިސް ހޯދަން އުނދަގޫ ވުން ކަމަށާއި މަސްކިރުވުމާއި، އައިސް ހޯދުމަށް ދިމާވެފައިވާ ދަތިތައްް ހައްލުކުރުމަށް މިފްކޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަކީ ރާއްްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ސަރަހައްދެވެ. ޚާއްޞަކޮށް ހުވަދު އަތޮޅަކީ މަސްދޯނިފަހަރު އެންމެ ގިނަ ސަރަހައްދެވެ.

