އަބޫބަކުރު ސްކޫލުގައި ”އިންކްލޫސިވް އެޑިިއުކޭޝަން ސަޕޯޓް ޔުނިޓް” އެއް ޤާއިމުކުރުމަށް ފައިމީ ކޮންސްޓްރަކްޝަން އާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އަބޫބަކުރު ސްކޫލުގައި ބޭއްވުނު މިރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބްއެވެ. ފައިމީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަތުހުﷲ އާދަމްއެވެ.
މިއެއްބަސްވުމާއި ބެހޭގޮތުން އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ މިޕްރޮޖެކްޓަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ 1.6 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.
ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކަށް ބަލާލާއިރު އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، ވަސީލަތްތަކާއި ޓެކްނޮލޮޖީ ޤާއިމުކޮށް، ލެޕްޓޮޕް، ޓެބްލެޓް، ޑެސްކު، ޓީވީ ފަދަ ތަކެތި ގަތުމުގެ އިތުރުން ޓީޗަރުން ތަމްރީނު ކުރުމަށް މިބަޖެޓުގައި ހިމަނާފައިވެއެވެ.
އެއްބަސްވުމުގައިވާ ގޮތުން ހަވާލުކުރެވޭތާ 90 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާލަން ޖެހެއެވެ.
އަބޫބަކުރު ސްކޫލުގައި ”އިންކްލޫސިވް އެޑިިއުކޭޝަން ސަޕޯޓް ޔުނިޓް” އެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ އަބޫބަކުރު ސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ، ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކުރުމުގެ ގޮތުން، އެދަރިވަރުންނަށް ބޭނުންކުރާ ވަސީލަތްތަކާއި، މުދައްރިސުންގެ ފެންވަރު މަތިކުރުމެވެ.
މިރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ އިތުރުން ސްކޫލްގެ ސީނިޔަރ މެނޭޖްމަންޓް ސްޓާފުން ވަނީ ބައިވެރިވެފައެވެ.

