މަހަށް ނުކުމެ އުޅުނު ގއ.ގެމަނަފުށީ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މައުލޫމާތުލިބޭ ގޮތުގައި ނިޔާވީ ގއ.ގެމަނަފުށީ ނިއުލައިންގޭ، މުހައްމަދު ވަސީމް އެވެ. އަދި އޭނާއަކީ ސިއްޚީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
“ދޮންދީދީ” ނަމަކަށް ކިޔާ މަސްދޯންޏެއްގައި ހުއްޓާ މުހައްމަދު ވަސީމް ވަނީ މިއަދު ކުއްލި ގޮތަކަށް ނިޔާވެފައެވެ. އުމުރުން 50 އަހަރުގެ ވަސީމްގެ ހަށިގަނޑު ގެމެނަފުއްޓަށް ގެންގޮސް ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލާފައެވެ.
ވަސީމްއަކީ ހިތްހެޔޮ، މީހުންނާއި ގާތްގުޅުމެއް ބާއްވާ، ރަނގަޅު ހެޔޮލަފާ އެކުވެރިއެއް ކަމަށް އެރަށު މީހުން ބުނެއެވެ. ރަށުގައި އުޅުނުއިރުވެސް އަދި މަހަށް ފުރައިގެން ދިޔައިރުވެސް ވަސީމް ހުރީ ހެޔޮހާލުގައި ކަމަށް ވަސީމްގެ އެކުވެރިން ވަނީ ބުނެފައެވެ.
ވަސީމްގެ ހަށިގަނޑު ގެމެނަފުއްޓަށް ގެންގޮސް ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލާފައެވެ. ވަސީމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

