އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން މަޑަވެލި ޕޮލިސް ސްޓޭޝަންގެ ފަރާތުން ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫގެ ރައްޔިތުންނަށް ހަރަކާތްތަކެއް ހިންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން މިހިނގާ ސެޕްޓެމްބަރ 18 ވަނަ ދުވަހު މަޑަވެލީ ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. މިއެސެމްބްލީގައި އިންޓަނެޓް ސޭފްޓީއާއި، ކުދިން އިންޓަނެޓް ބޭނުން ކުރުމުގައި ސަމާލުވާންވީ ކަންތައްތަކުގެ އިތުރުން އަނެކާއަށް އިޚްތިރާމް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ދެވުނެވެ.
އަދި ހަމައެއާއެކު 19 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ހޯޑެއްދޫ ސްކޫލުގައިވެސް ހާއްސަ އެސެމްބްލީއެއް ބޭއްވުނެވެ. ކުދިންނާއި ޓީޗަރުން ހޭލުންތެރި ކުރުމަށް ކަންތައް ކުރަންވީ ގޮތް ކިޔައިދީ ނަސޭހަތްތެރިވެދެވުނެވެ.
މިއެސެމްބްލީތަކުގައި މަޑަވެލި ހޯޑެއްދޫއަށް ނިސްބަތްވާ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާއިރު މިދެރަށުގެ ސްކޫލުގެ ހުރިހާ ޓީޗަރުންގެ އިތުރުން ސްކޫލްގެ މެނޭޖްމަންޓުން ވަނީ ބައިވެރިވެފައެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަނގަ ކުރުމުގެ ގޮތުން މަޑަވެލި ހޯޑެއްދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން
މީގެއިތުރުން 21 ސެޕްޓެމްބަރ 2022 ވަނަ ދުވަހު މަޑަވެލި ހޯޑެއްދޫ ކައުންސިލްތަކުގައި ދަފްތަރު ކުރެވިފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ 53 ފަރާތަކާއި ބައްދަލުކޮށް ހާލުބަލާ، އެފަރާތްތަަކަށް ހަދިޔާއެއް ދެވުނެވެ. މިހަރަކާތުގައި މަޑަވެލި ހޯޑެއްދޫގެ ހުރިހާ މުވައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

މަޑަވެލި ހޯޑެއްދޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކާއި ބައްދަލުކޮށް ހާލުބަލާ، އެފަރާތްތަަކަށް ހަދިޔާ ދިނުން
22 ސެޕްޓެމްބަރ 2022 ވަނަ ދުވަހު މަޑަވެލި ހޯޑެއްދޫއަށް ނިސްބަތްވާ ސަރުކާރުގެ ހުރިހާ މުވައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިކޮށްގެން "އަޑޭ ވިތް ޕާޓްނަރ" ގެ ނަމުގައި ޓީމް ހަރަކާތްތަކެއް ކުރިޔަށް ގެންދެވުނެވެ.
މި ދެރަށުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތްތައް ނިންމާލަމުން 23 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ފުލުހުން ވަނީ މަޑަވެލި ހޯޑެއްދޫގެ މުވައްސަސާތަކާއި ގުޅިގެން "ޕްލާސްޓިކް ކްލީނިންގ" އިވެންޓެއް ބާއްވާފައެވެ. މިއިވެންޓަކީ ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވުނު އިވެންޓެއް ކަމަށް މަޑަވެލި އަދި ހޯޑެއްދޫ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

މަޑަވެލި ހޯޑެއްދޫގެ މުވައްސަސާތަކާއި ގުޅިގެން ބޭއްވުނު "ޕްލާސްޓިކް ކްލީނިންގ" އިވެންޓް
މަޑަވެލި ހޯޑެއްދޫގައި މިހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި އެދެރަށުގެ މުވައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންގެ ފަރާތުުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ވަނީ ދީފައެވެ.
ކުރިޔަށް އޮތްތާނގައި މަޑަވެލި ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މިފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ދެރަށުގެ ރައްޔިތުންގެ ބައިވެރިކޮށްގެންނެވެ.
އަވައްޓެރި ފުލުހުންގެ ހަފްތާގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތައް މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

