ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް ޖަމައިކާއިން 2 އަހަރުު ދުވަހުގެ ޓްރެއިނިންގ ހޯދުމުގެ ފުރުސަތު ލިބުމާއި ގުޅިގެން ދަތުރަށް ތައްޔާރުވުމުގެ ގޮތުން އެއްމަސް ދުވަސްވަންދެން އިބާދުﷲ ވަނީ ޕްރެކްޓިސްއިން ބްރޭކެއް ނަގާފައެވެ. އެހެންނަމަވެސް އޭނާ ހުރީ އަދިވެސް ފޯމުގައި ކަން އޭނާ މިވަނީ ދައްކާލާފައެވެ.
ދާދި ފަހުން ގދ.ތިނަދޫގައި ބޭއްވި ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް މުބާރާތުގެ ހާއްްސަ މެހެމާނެއްގެ ގޮތުގައި އިބާދުﷲ ވަނީ އޭނަގެ އުފަން ރަށް ގދ.ތިނަދޫއަށް އައިސްފައެވެ. މުބާރާތް ނިމުމުން މާލެ ދިޔުމަށްފަހު އިބާދުﷲ ދިޔައީ ޖަމައިކާ ދަތުރަށް ތައްޔާރުވަމުންނެވެ. އެހެންކަމުން ޕްރެކްޓިސް އިން ބްރޭކް ނަގައިގެން ހުރުމަށްފަހުވެސް ޤައުމީ މުބާރާތުގައި ބައިވެރިވެ އިބާދުﷲ ވަނީ ކާމިޔާބް ހޯދާފައެވެ.
22 ސެޕްޓެމްބަރ 2022 އިން 24 ސެޕްޓެބްރަ 2022 އަށް ހުޅުމާލޭގައި ބޭއްވުނު 31 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެ 100 މީޓަރުގެ ދުވުން އިބާދުﷲ ކާމިޔާބުކުރީ 10.96 ސިކުންތުންނެވެ. މިއީ މުމިބާރާތުގެ ދެވަނައެވެ. އެއްމަސްދުވަހުގެ ބްރޭކްގައި ހުރުމަށްފަހު މުބާރާތުގައި އިބާދުﷲ ބައިވެރިވީ އެއްވެސް ޕްރެކްޓިސްއަކާއި ނުލައެވެ.
ޖަމައިކާ އަކީ ދުނިޔޭގެ އެންމެ އެލައިޓް އެތްލީޓުން ޓްރެއިނިން ހަދަމުންދާ އެއް ޤައުމެވެ. އިބާދުﷲއަށް މިފުރުސަތު ލިބިފައިވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ.
2015 ވަނަ އަހަރު ރައުހަތު ސްޕޯޓްސް އިން ފެށި ޓްރެއިނިން ވެގެންދިޔައީ އެތްލެޓިކްސްގެ ދުނިޔޭގައި ފިޔަޖަހަމުންދާ އިބާދުﷲއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
2017 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ސްކޯލާޝިޕެއް ލިބުނީ އިބާދުﷲ ސްކޫލްގައި ކިޔަވަމުން ދަނިކޮށެވެ. އެހެންނަމަވެސް އިބާދުﷲ ޤައުމީ ޓީމާއި ގުޅިފައިވަނީ 2018 ގައެވެ. ޤައުމީ ޓީމާއި ގުޅުމަށްފަހު، ބައިވެރިވި ފުރަތަމަ މުބާރާތުގައި 4x100m މީޓަރ ރިލޭއިން އިބާދުﷲ ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި 100 މީޓަރ ދުވުމުން ޔޫތު ރެކޯޑް ހަދާފައެވެ.
އެހެންނަމަވެސް މިއަހަރު މިރިކޯޑް ހޯދާފައިވަނީ ރައުހަތު ސްޕޯޓްސްއިން ޓްރެއިނިންގ ހާސިލް ކުރަމުންދާ ނާހިލް ނިޒާރު އެވެ.
2020 ގައި 100 މ ދުވުމުން އިބާދުﷲ ރިކޯޑް ހަދާފައިވަނީ 10.95 ސިކުންތުންނެވެ. އަދި 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ކުރިޔަށް ގެންދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެތުލެޓިކްސްގެ ހީޓް ފަހެއްގައި ވާދަކުރި އިބާދުﷲ ވަނީ 10.54 ސިކުންތުން ރޭސް ނިންމާފައެވެ. މިއީ 100 މީޓަރުގެ ރޭހެއް އިބާދުﷲ މިހާތަނަށް ނިންމި އެންމެ އަވަސް ވަގުތެވެ. އިބާދުﷲ އަކީ 100 މީޓަރު ދުވުމުގައި، ރާއްޖޭގައި ދެވަނައަށް އެންމެ ބާރު ދުވުުންތެރިޔާއެވެ.
އިބާދުﷲ އަންނަނީ ފަހަކަށް އައިސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

