ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓުތަކަށް 20 އަހަރުން ފައިސާ ދެއްކޭ ސްކީމްތަކެއް ތައާރަފްކޮށްފިއެވެ.
ރޭ ބޭއްވި އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ ފްލެޓްތައް ލިބުނު މުވައްޒަފުންނަށް ފައިސާ ދެއްކުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި ކަމަށާއި އެކުންފުނީގެ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ފްލެޓަށް ވަންނަ ދުވަސް ކައިރިވަމުން ދާއިރު ކުލި ދެއްކުމާއި ގުޅޭ ޝަކުވާ މުވައްޒަފުންގެ ހުރިކަން އެނގިވަޑައިގެންނަވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުން ހަމަޖައްސާފައި އޮތީ އެމްޕީއެލްގެ ފްލެޓްތައް ލިބުނު މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށެވެ. އެހެންނަމަވެސް މިސަރުކާރުން މިކަންތައް ބަދަލުކޮށް މިހާރުވަނީ 20 އަހަރުން ފައިސާ ދައްކާ ނިންމާލެެވޭ ގޮތަށް ސްކީމެއް ތައާރަފްކޮށްފައެވެ. އަދި އެކަމަށް އެމްޕީއެލްއިން ޚާއްސަ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޑައުންޕޭމަންޓް ދެއްކުމަށްވެސް ހަތަރު އޮޕްޝަނެއް ވަނީ ތައާރަފްކޮށްފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެމް.ޕީ.އެލުން ތަރައްޤީކުރީ 15 ބުރީގެ ތިން ޓަވަރެވެ. މީގެ ތެރޭގައި އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓް ހިމެނެއެވެ. މި ފްލެޓްތަކަށް ޝަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓުތައް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

