ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މިހިނގާ ސެޕްޓެމްބަރ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށެވެ. އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ދައްކާގޮތުގައި އެ ދުވަހުގެ 04:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާފައިވާ ކަމަށާއި އިތުރު ފުޓޭޖުތައް ބަލައި ކާރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މީގެ ކުރިން ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 19 ސެޕްޓެމްބަރ 2022 ވަނަ ދުވަހު 19:00 އެހާކަންހާއިރު ހުޅުމާލެ އިން ޒުވާނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި އުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާނު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށެވެ.
ދިޔަ ހޯމަ ދުވަހުން ފެށިގެން ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ އަޒުހާން އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

