ގދ.މަޑަވެލީ “ޓީއެސް ލައިން” ނަމަކަށް ކިޔާ ދޯންޏަކުން 57 ޓަނުގެ މަސް ބާނައި އެއްދުވަހުގެ ތެރޭގައި މިލިޔަނެއްހާ ރުފިޔާ ހޯދައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޑަވެލީ “ޓީއެސް ލައިން” ދޯނިން އިއްޔެ ވަނީ 57.1 ޓަނުގެ މަސް ބާނާފައެވެ. މިއީ ރާއްޖޭގެ ރާއްޖޭގެ މަސްވެރިކަމުގެ ތާރީހުގައި މިހާތަނަށް ދޯންޏަކުން އެއް ދުވަހެއްގެ ތެރޭގައި ބޭނި މަހުގެ ރެކޯޑެއްކަމަށާއި މަޑަވެލީ ދޯނިން ގއ. ކޫއްޑޫއަށް ކިރުވި މަހަށް ޖުމްލަ 971،584 ލައްކަ ރުފިޔާ ލިބުނު ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މޫސުން ގޯސް ދުވަހެއްގައި ޓީއެސް ލައިން ދޯނީގެ ފަޅުވެރިންނާއި ކެޔޮޅުގެ ހިތްވަރަށް އިސްމާއިލް ވަނީ ހިތްވަރުދީފައެވެ.
ފައުޒީ އިތުރަށް ވިދާޅުވީ މަޑަވެލީ “ޓީއެސް ލައިން”އަކީ މިދިޔަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރުވި ދޯނި ކަމަށެވެ. މިދިޔަ އަހަރު އެކި ދުވަސްތަކުގެ މަތިން 1095 ޓަނުގެ މަސް އެ ދޯނިން ވަނީ ކޫއްޑޫއަށް ކިރުވާފައެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މި ދުވަސްވަރު ބާނަމުން ދަނީ ގޮދާއެވެ. މަސް ބާނައިގެން އަންނަ ދޯނިތައް، ގިނަ ވަގުތު ކިއުގައި ތިބެންޖެހުނަސް، މިފްކޯއިން ދަނީ މަސްވެރިން ބާނާ މަސް ގަންނަމުންނެވެ. ހުވަދޫގައި ގިނަ މަސްވެރިން މަސް ކިރުވަން ދަނީ ގއ. ކުއްޑޫއަށެވެ. މި ދުވަސް ވަރަކީ ހުވަދުއަށް މޫސުން ގޯސް ދުވަސްވަރެކެވެ.
ހުވަދޫގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.

