ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ފިރުޒުލް ހުސެއިން ފިރާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ފިރުޒުލް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ގައުމަށް ހިދުމަތް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތަށް އަދި މިނިސްޓަރު އިބްރާހިމް އަމީރާއި މިނިސްޓްރީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ.
މީގެ އިތުރުން ކުރިޔަށް އޮތް ތާނގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ މި ސަރުކާރާ އެކު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފިރްޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން މިނިސްޓަރު އަމީރު ވެސް ވަނީ އޭނާ ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރަކަށް ހުންނެވި ފާތިމަތު ރަޒީނާ ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ސަބަބަކަށް ވިދާޅުވީ ޕީއެޗްޑީ ކިޔެވުމަށް ކަމަށެވެ. އެހެންނަމަވެސް ފިރުޒުލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކޮށްފައިނުވެއެވެ.

