ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފުލް ގަރްޟަވީގެ މައްޗަށް އައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރާއްޖޭގައި ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑރ.ގަރްޟަވީގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރާ ގޮތަށް ވަނީ ނިންމާފައެވެ.
މިސްރަށް އުފަންވެ ވަޑައިގަތް ގަރްޟަވީ އަވަހާރަވީ މިހަފްތާތެރޭގައެވެ. އޭރު އުމުރުފުޅަކީ 96 އަހަރުފުޅެވެ. މާދަމާގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ގަރްޟަވީގެ މައްޗަށް އައިބަށް ކުރެވޭ ކަށުނަމާދު ކުރުން އޮންނާނޭ ކަމުގައި މިނިސްޓްރީން މިވަނީ އަންގާފައެވެ.
ގަރްޟަވީއަކީ މިސްރަށް އުފަން ބޭފުޅެއް ކަމުގައިވިޔަސް 2013 ވަނަ އަހަރުން ފެށިގެން އަވަހާރަވަންދެން ގަރްޟަވީ ހުންނެވީ ގަތަރުގައެވެ. އުފަން ރަށް ދޫކޮށް ގަތަރަށް ހިޖްރަކޮށް ގަތަރުގެ ރައްޔިތަކަށް ވީއެވެ.
1928ވަނަ އަހަރު މިސްރުގައި އުފެއްދި މުސްލިމް ބްރަދަރހުޑްއަކީ 20 ވަނަ ގަރުނުގެ މެދުތެރޭގައި މިސްރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕާޓީއެވެ. އެހެންނަމަވެސް ކައިރޯއިންވަނީ 2013ވަނަ އަހަރު އެ ޖަމާއަތް ބްލެކް ލިސްޓު ކޮށްފައެވެ.
ގަރްޟަވީއަކީ ކުރިން އިންޓަރނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާރސްގެ ޗެއަރމަންވެސް މެއެވެ. އަދި 2004 ވަނަ އަހަރު އުފެއްދި މި ޔޫނިއަންގެ ޗެއަރމަންކަން އޭނާވަނީ 14 އަހަރު ކުރައްވާފައެވެ.

