އައިޖީއެމްއެޗް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކާއެކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގައި މާދަމާ ޑައިބެޓިކްސް ކޭމްޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހަކުރުބަލި ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ތިނަދޫގައި ބާއްވާ މިކޭމްޕުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައިވެރިވާނެއެވެ. އެގޮތުން ޑރ އަލީ ލަތީފު އާއި ޑރ މުހައްމަދު ސިރުހާންގެ އިތުރުން ޑރ ރަޝްދާ މާހިރު މިކޭމްޕުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައިޖީއެމްއެޗުގެ ދެ ނަރުހުންވެސް މި ކޭމްޕުގައި ބައިވެރިވާނެއެވެ.
އައިޖީއެމްއެޗާއި ގުޅިގެން ބާއްވާ މިކޭމްޕުގައި ހަކުރުބަލި ހުންނަ ފަރާތްތަކާއި ހަކުރުގެ އިތުރު ސިއްހީ މައްސަލަތަށް ހުންނަ ފަރާތްތަކަށް އަދި މާބަނޑުވުމާއި ގުޅިގެން ހަކުރު މަތިވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މިކޭމްޕު ކުރިޔަށް ގެންދާއިރު ހަކުރު ބައްޔަށް ޓެސްޓު ކުރަން ބޭނުން ފަރާތްތަކަށް އެފުރުސަތުވެސް ލިބިގެންދާނެއެވެ.
ނަންނޯޓުކޮށްގެން މިކޭމްޕުގައި ބައިވެރިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައިވީނަމަވެސް މިހާރު ނަންނޯޓު ކުރުމަކާއި ނުލައި ކޭމްޕުގައި ބައިވެރިވެވޭނެ އެވެ.
މީގެކުރިންވެސް އައިޖީއެމްއެޗް އާއި ގުޅިގެން ތިނަދޫ އޭއެސްއެމްއެޗްގައި ވަނީ ސްޕެޝެލިސްޓުންގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

