ޤަވައިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ބަނގުރާ ފުޅިތަކާއި އެއްހާސް ކިލޯއަށް ވުރެ ގިނަ އޫރުމަސް ނައްތާލައިފި ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ބަނގުރަލާއި އޫރު މަހުގެ އިތުރުން އެފަދަ ތަކެތި އިޝްތިހާރު ކުރުމަށް ބޭނުންކުރާ ސާމާނުތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 1،055 ބަނގުރާ ފުޅި އާއި 1282.82 ކިލޯ އޫރުމަހުގެ އިތުރުން އެފަދަ ތަކެތި އިޝްތިހާރު ކުރުމަށް ބޭނުން ކުރާ 810 ތަކެތި ހިމެނެއެވެ.
ކަސްޓަމްސްގެ އާންމު ގަވައިދުގެ269 މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ ތަކެއްޗާއި މެދު އަމަލު ކުރަން އޮންނަ އުސޫލުން މިތަކެތި ނައްތާލާފައިވަނީ ތިލަފުށީގައި އެވެ.

