ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމަކީ މަނާކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި ކެސިނޯ ހިންގުމަކީ މަނާ ކަމެއްކަން އެނގޭ އެއްވެސް ޤަވައިދެއް ނެތް ކަމަށާއި އެއީ މަނާ ކަމެއް ނޫން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ކުރެއްވި ސުވާލަކީ ރިސޯޓުތަކުގައި ޕްރޮފިޓް ނުލިބޭ ކުޅިވަރުތައް ހިންގުމުގެ ބަދަލުގައި ކެސިނޯ ލައިސަންސް ދޭންޖެހޭ ކަމަށާއި ކެސިނޯ އެޅުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީން ކުރަނީ ކިހާވަރެއްގެ މަސައްކަތެއްތޯ އާއި އެކަން ކުރުން މަނާކުރަނީ ކޮންތާކުންތޯ އެވެ.
މިސުވާލާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، މިއީ ރާއްޖޭގައި ތަކުރާރުކޮށް ނުކުންނަ ސުވާލެއް ކަމަށާއި ކެސިނޯގެ ލައިސަންސެއް ރާއްޖޭގައި ދިނުމާ ގުޅޭގޮތުން، ފާހަގަވާ ކަމަކީ އެއީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް މި މަސައްކަތް ނުކުރެވި، އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާތުކޮށް އިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖޭގައި ކެސިނޯއޭ ބުންޏަސް ނުވަތަ އެވާހަކަ ފެށިޔަސް އެހިސާބުން އެވާހަކަ ގޯސްވާ ކަމަށާއި އޭގެ ސަބަބުން އެކަމާ ގުޅިގެން މަޝްވަރާ ކޮށްލާނެ ޖާގަވެސް ރާއްޖޭގައި ނެތް ކަމަށެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ރިސޯޓްތަކުގައި ރާ ވިއްކުން ހުއްދަ ކޮށްފައިވާއިރު ކެސިނޯ ހަރާމް ނުކުރެވޭނެ ކަމަށެވެ.

