މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަނގަ ކުރުމަށް ހަމަޖެހިފައިވާއިރު، އެކަމަށް ވާންޖެހޭ ތައްޔާރީތަކަށް ފިޔޯރީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމައިފިއެވެ.
މިކަމާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން ނިންމާފައިވާތީ، އެކަމަށް ވާންޖެހޭ ތައްޔާރީ ތަކަށް، އެހީތެރި ވުމުގެ ގޮތުން ފިޔޯރީ ކައުންސިލާއި ޑަބުލިއުޑީސީ އިސްނެގުމުގެ މަތިން ފަރެސްމާތޮޑާ ކައުންސިލާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.
މިބައްދަލުވުމުގައި މަސްވެރިންގެ ދުވަސް ފާހަނގަކުރުމަށް ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ތައްޔާރީތަކުގައި ފިޔޯރީ ރައްޔިތުންގެ ފަރާތުން ދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ފަރެސްމާތޮޑާ ކައުންސިލުން ފާހަނގަ ކުރި ކަންކަމުގެ ތެރެއިން ދެފަރާތް ގުޅިގެން ކުރުމަށް ވާހަކަ ދެކެވުން ކަންކަމުގެ ތެރޭގައި ރަށް ޒީނަތްތެރި ކުރުމަށް ފިޔޯރީގެ ފުރިހަމަ އެހީތެރިކަން ދިނުމަށާއި ފަރެސްމާތޮޑާއިން އެކެމޮޑޭޝަން ދަތިތަކެއް ދިމާވެއްޖެ ނަމަ ފިޔޯރީއިން އެހީތެރިކަން ފޯރުކޮށްދިނުމެ އިތުރުން މެހުމާނުންނަ މަރުޚަބާ ކިޔުމުގެ ހަރަކާތްތަކުގައި ދެރަށް ގުޅިގެން ކުރިއަށް ދިއުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.
މީގެއިތުރުން އިތުރަށް ދިމާވާ ކަންކަމުގަވެސް ދެ ރަށު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރެވުނެވެ.

މަޝްވަރާ ބައްދަލުވުމުގެ ބައިވެރިން
ފިޔޯރީ ކަޑުމަސް ވެރިކަން ކުރާ ހުރިހާ ފަރާތްތަކަކީ ފަރެސްމާތޮޑާގައި ދުއްވާ މަސްދޯނި ފަހަރުން މަހަށް ދާ ރައްޔިތުން ކަމަށްވެފައި މިފަދަ ދުވަހެއް ފަރެސްމާތޮޑާގައި ފާހަގަ ކުރާ އިރު އެކަމަކީ ހަމަ އެކަނި ފަރެސްމާތޮޑާގެ ރައްޔިތުންގެ ކަމެއް ކަމަށް ނުދެކި ފިޔޯރީ ރައްޔިތުންގެ ކަމެއްކަމަށް ވެސް ދެކޭތީ ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ފިޔޯރީގެ ރައީސް ފައިޒަރު ރަޝީދު ވަނީ ފާހަނގަކޮށްފައެވެ.
ހަމައެއާއެކު އެކަަމުގައި ދެ ރަށު ކައުންސިލާއި ދެރަށުގެ ޑަބުލިއުޑީސީ ގުޅިގެން މަސްވެރިންގެ ދުވަހުގެ ކުރިއަށް ހުރި ޕޮރުގްރާމްތައް ކުރިއަށް ގެންދިއުމަށް މިބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.

