ވައިގެ މަގުން ރާއްޖެ އެތެރެ ކުރި 12 މިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި 01 އޮކްޓޫބަރ 2022 ވަނަ ހޮނިހިރު ދުވަހު ވައިގެ މަގުން ދުބާއީ އިން ރާއްޖެ އައި ޕާކިސްތާން މީހެއްގެ ލަގެޖުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މަސްތުވާތަކެތި ފެނިފައިވަނީ ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ. އޭނާގެ ލަގެޖު ކަސްޓަމްސްއިން ޗެކް ކޮށްފައިވަނީ މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އެމީހާގެ އަތތުން އަތުލައިގަނެވުނު މަސްތުވާ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައެވެ.
މިތަކެތީގެ ޖުމްލަ ވަރުދަން 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

