ގދ ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ސްޕޯޓްސް ކްލަބު ޔުނީކުން 8 ބޯލް ބިލިއާރޑް މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ސްޕޯޓްސް ކްލަބު ޔުނީކުގެ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާޕާސަން އަހްމަދު ނާސިފްގެ އިތުރުން އެ ކްލަބުގެ ފައުންޑަރ ސައުދުﷲ ހިލްމީ އާއި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ހަމައެއާއެކު ބިލިއާޑް ނެޝަނަލް ރޭންކިންގ ގެ 3 ވަނަައިގައި އޮތް ހަސަން ޝާޒު އާއި ރޭންކިންގ ގެ 4 ވަނައިގައި އޮތް އިސްމާއިލް ޖީހާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތު- ހުވަދޫ ފޮޓޯ: އަހުތަރު
ރޭ ގެ ރަސްމިއްޔާތުގައި ބިލިއާރޑް އެސޯސިއޭޝަން ގެ ރައީސް އާއި ކްލަބްގެ މުސްތަޝާރު ސަޢުދު ﷲ ހިލްމީ ވާހަކަފުޅު ދެއްކެވިއެވެ.
ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން އަހްމަދު ނާސިފް ވިދާޅުވީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެސޯސިއޭޝަނުން ކޮށްފައިވާ ކަމަށާއި މިހާރު އަމާޒަކީ އަތޮޅުތެރެއަށް ބިލިޔާޑް ގެންދިޔުމަށް ކަމަށެވެ. އަދި އަންނަ އަހަރު ބިލިއާޑް މުބާރާތްތަކެއް އަތޮޅުތެރޭގައި ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ނާސިފްވަނީ ވިދާޅުވެފައެވެ.
ނާސިފް އިތުރަށް ވިދާޅުވީ ބިލިއާޑް ކުރި އެރުވުމަށް އެސޯސިއޭޝަންގެ އެހީއަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ތިނަދޫގެ ޒުވާނުންނަށްވެސް ބިލިއާޑުގެ ކުޅިވަރު ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ދެވެން އޮތް މިންވަރަކުން ދެއްވާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވުނު މިރަސްމިއްޔާތުގައި ހަސަން ޝާޒް އާއި އިސްމާއިލް ޖީހާންގެ ފޯރިގަދަ މެޗެއް ވަނީ ކުޅެފައެވެ. މިމެޗް ކާމިޔާބުކޮށްފައިވަނީ ހަސަން ޝާޒްއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ ގދ.ތިނަދޫގައި ބޭއްވުނު ނަމަވެސް މުބާރާތުގެ މެޗުތައް ރަސްމީކޮށް ފެށިގެންދާނީ މިރޭ އެވެ.

ގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުނު މެޗުގެ ތެރެއިން- ހުވަދޫ ފޮޓޯ: އަހުތަރު
މި މުބާރާތަކީ އެކްލަބުގެ ފައުންޑަރ ސައުދުﷲ ހިލްމީ އާއި ބިލިއާޑް އެސޯސިއޭޝަންގެ ފައުންޑަރ އަދި ކުރީގެ ރައީސް މުހައިމިން ހުސެއިންގެ އިސްނެންގެވުމުގެ ދަށުން ބާއްވާ މުބާރާތެކެވެ.
ޔުނިކް ސްޕޯރޓްސް ކްލަބުން ތިނަދޫގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 32 ބައިވެރިން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިޔަށްދާނީ ޑަބަލްް އެލިމިނޭޝަން އުޞޫލަށެވެ. މުބާރާތުގެ ގުރުއަތު ނެގުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.

ގދ.ތިނަދޫގައި ބާއްވާ ބިލިޔާޑް މުބާރާތުގެ ބެވަރޭޖް ޕާޓްނަރ ގޯސިޔާ- ހުވަދޫ ފޮޓޯ: އަހުތަރު
ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

