މިހާރަކަށް އައިސް ބީއެމްއެލް އެކައުންޓްތަކުން ފައިސާ ގެއްލެނީ އީމެއިލްގެ ޑޭޓާ ކޮމްޕްރޮމައިޒް ވެގެން ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ގިނަ ފަހަރަށް އެކައުންޓްތަކުން ފައިސާ ގެއްލެނީ އީމެއިލްގެ ޑޭޓާ ކޮމްޕްރޮމައިޒް ވެގެން ނުވަތަ ބްރައުޒާގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުން އެހެން ފަރާތަކަށް އިންޓަނެޓް ބޭންކިން އަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތުދެވިފައި ވާތީ ކަމަށެވެ.
އެހެންކަމުން މިފަދަ މައްސަލައެއް މެދުވެރިވެއްޖެ ނަމަ އެމައްސަލަ ފުލުހުންނަށް ހުށަހެޅުމަށާއި މިކަމުގައި ބޭންކުން އަމަލުކުރަމުން ދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އަދި މިފަދަ މައްސަލަތަކުގައި ބެންކުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ސައީދު އިތުރަށް ވިދާޅުވީ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ މަގުބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެއް ކަމަށާއި ބޭންކުތަކުން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކުރަން އަޅާ ފިޔަވަޅުތަކާއި އެ ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނޭހެން ގާއިމުކުރާ ނިޒާމުތައް އަބަދުވެސް އެ ނެޓްވޯކުތަކުން މޮނީޓާ ކުރަމުންދާނެ ކަމަށެވެ. އަދި އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސް މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެފަދަ ކަމަކުން މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު ބީއެމްއެލްގެ ނަމުގައި ފޮނުވާ ގޮތްނޭގޭ ލިންކުތަކަށް ނުފިތުމަށް އެބެންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އެފަދަ ލިންކުތަކުގެ ސަބަބުން ކަސްޓަމަރުންގެ ޑޭޓާ ބްރީޗުވެ، އެ ޑޭޓާ ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން އަށް އެހެން ފަރާތްތަކަށް ވަދެވޭނެއެވެ.
ސައީދު އިތުރަށް ވިދާޅުވީ ކަސްޓަމަރުންގެ އީމެއިލް ބްރީޗުވެފައި ވޭތޯ ބެލޭނެ ގޮތްގޮތް އެބަހުރި ކަމަށެވެ. އެގޮތުން މި ލިންކަށް ގޮސް އީމެއިލް އެންޓާ ކޮށްލުމުން މިހާތަނަށް އީމެއިލްގެ ޑޭޓާ ބްރީޗްވެފައި ވޭތޯ ބެލޭނެ ކަމަށް ސައީދު ވަނީ މައުލޫމާތު ދީފައެވެ.
ފަހަކަށް އައިސް ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލިގެން ޓުވިޓާ އަދި ފޭސްބުުކްގައި އެކަމުގެ ޝަކުވާކޮށް އާންމުންގެ މީހަކު ޕޯސްޓު ނުކުރާ ދުވަހެއް މަދުވާނެއޭ ވެސް ބުނެވިދާނެ އެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މިފަދަ މައްސަލަތައް ވަނީ ދިމާވެފައެވެ. ކަސްޓަމަރުންނަށް ނޭގި ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެހެންކަމުން މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

