އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ ކޯފް ސިރަޕެއް ބޭނުން ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ ކުންފުންޏަކުން އުފައްދާފައިވާ ވިހަ މާއްދާތަކެއް އެކުލެވޭ ކޯފް ސިރަޕެއް ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި ކެއްސާތީ އެއްވެސް ކަހަލަ ކޯފް ސިރަޕް ބޭނުންކުރުމުގައި ސަމާލުވުމަށެވެ. ހާއްސަކޮށް އިންޑިޔާއިން އުފައްދާފައިވާ ކޯފް ސިރަޕް ބޭނުން ކުރުމުގައި ސަމާލުވުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މެއިޑެން ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ، ކުޑަކުދިންނަށް ދޭ ކޯފް ސިރަޕެއްގައި ހިމެނޭ، ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަގައްޔަރުވެފައިވާ ކަމަށް ގެންބިއާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޑަބްލިޔުއެޗްއޯއިން ވަނީ އެކޯފް ސިރަޕަށް ސަމާލުވުމަށް އެލާޓް ނެެރެފައެވެ.
ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން، ބޭނުންކުރުން މަނާކުރީ މެއިޑަން ފާމަސޫޓިކަލްސް އިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުފައްދާފައިވާ ހަތަރު ބާވަތެއްގެ ކޯފް ސިރަޕެވެ. އެއީ؛
- ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން – ލޮޓް ނަމްބަރު: އެމްއެލް21-202
- ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް – ލޮޓް ނަމްބަރު: އެމްއެލް21-199
- މަކޮފް ބޭބީ ކޯފް ސިރަޕް – ލޮޓް ނަމްބަރު: އެމްއެލް21-203
- މެގްރިޕް އެން ކޯލްޑް ސިރަޕް – ލޮޓް ނަމްބަރު: އެމްއެލް21-198
އެއީ ރާއްޖެ އަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީ އަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ރާއްޖެ އަށް އިމްޕޯޓް ވުމުގެ ފުރުސަތު އޮތް ބޭހަކަށް ވާތީ އެކަމަށް ސަމާލުވާން އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ބޭހާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެ އިދާރާ އިން ވަނީ އެދިފައެވެ.

