އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތީ އިދިކޮޅުން މިއަދު އިހުތިޖާޖަށް ނުކުންނަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މިސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދޭތީ މިއަދު ހަވީރު 4 ޖަހާއިރު މަސްމާރުކޭޓް ކުރިމަތީގައި އިހުތިޖާޖް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި މިއިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލް ވިދާޅުވީ، 2018ގައި ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން ވަނީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައި ކަމަށާއި ޤައުމުގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް އަދި މަސްވެރިންނަށް މިސަރުކާރުން ކުރަމުން ގެންދަނީ ޖެއްސުން ކަމަށެވެ.
އެހެންކަމުން މި ޖެއްސުމާއި ދެކޮޅަށް މިއަދު ހަވީރު އިހުތިޖާޖް ކުރާނެ ކަމަށް މިވަނީ އިއުލާންކޮށްފައެވެ.
މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކަށް ބަލާލާއިރު ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުން ހިމެނެއެވެ. އެހެންނަމަވެސް މިސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު މަސްވެރިންނަށް ވީ ވައުދު ނުފުއްދޭތާ މަސްވެރި އާއިލާތައް ދުވަހެއް ދުވަހެއް ނިކަމެތިވަމުންދާ ކަން މުހައްމަދު އިސްމާއިލް ވަނީ ފާހަނގަކޮށްފައެވެ.
މަސްވެރި އާއިލާތައް ނިކަމެތިވަމުންދާއިރު ހިމޭނުން، މަޑުން ތިބެވެން ނެތް ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ގާނޫނުގައި ބުނާ ގޮތުން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭތީ، މިއަދު ބާއްވާ އިހްތިޖާޖަކީ އެ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

