މަސްވެރިންގެ ދުލުން: ހުވަދު އަތޮޅުގެ މަސްވެރިންނަށް ހުވަދު އަތޮޅު ދޫކޮށްލާށޭ!!

(މިއީ ހުވަދު އަތޮޅުގެ މަސްވެރިންގެ ފަރާތުން، މަސްވެރިޔަކު ފާޅުކޮށްފައިވާ ހިތުގެ ޝުއޫރެވެ.)
މިހާރަކަށް އައިސް މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ނުކިރޭ މައްސަލައެވެ. މިމައްސަލައަށް ސަރުކާރުން އަދިވެސް ހައްލެއް ހޯދައި ނުދެވެއެވެ.
މިފްކޯގެ ބޯޓްތައް ފެންނައިރު އޮންނަނީ ދަބަރުގުޅައެއް ހެންނެވެ. ދުއްވޭ ބޯޓަށްވުރެ ނުދުއްވޭ ބޯޓު ގިނައެވެ. ރާއްޖޭގެ އެތެރޭގެ އެއް ބަނދަރުން އަނެއް ބަނދަރަށް މަސް އުފުލުމަށް ބޮޑެތި ބޯޓު ފަހަރު މަސައްކަތް ކުރެއެވެ.
ރައްޔިތުން ސަރުކާރު ބަދަލު ކޮށްލަނީ އެހިސާބަށް އެ އޮންނަ ސަރުކާރެއް ގޯސްވީމައެވެ. އޭރަކު އޮންނަ ސަރުކާރުން ކުރާ ކަމެއް ގޯސްވެގެން ވާހަކަ ދެއްކީމާ މިވެނި މީހެއްގެ ވެރިކަމުގައި ވެސް ކުރީ މިހެންނޭ ނުވަތަ އަދި މިއަށްވުރެން މާގޯހޭ ބުނުމުގެ އެއްވެސް ޙައްޤެއް އެއްވެސް ސަރުކާރަކަށް ނޯންނާނެއެވެ. އެއީ ސަރުކާރު ހިންގަން ޙަވާލުވަނީ ޙަވާލުވާ ބައެއްގެ ފައިސާއިން ނޫންކަމަށް ވާތީއެވެ.
ކޮންމެ ބަޔަކު ސަރުކާރު ހިންގަން ހަވާލުވިޔަސް ސަރުކާރު ހިންގާނެ ފައިސާ ދެނީ ރައްޔިތުންނެވެ. ލޯނެއް ނެގިޔަސް ލޯނު ނަގަނީ ރައްޔިތުންނެވެ. ޤައުމަކުން ހިލޭ އެހީއެއް ދިނަސް އެ އެހީއެއް ދެނީ ވެސް ރައްޔިތުންނަށެވެ. ރައީސާއި، ވަޒީރުންނާއި، މަޖިލީހަށާއި، ސިޔާސީ މީސްމީހުންނަށާއި، މުވައްޒަފުންނަށް މުސާރަ ދެނީ ވެސް ރައްޔިތުންނެވެ.
1990 ގެ ތެރޭގައި ކޫއްޑޫ ވުޖޫދަށް އައި އިރު ތިބީ 2 ޓަނު 3 ޓަނު ކިރޭ ވަރުގެ ކުދި މަސްދޯނި ފަހަރުއެވެ. އެހެންނަމަވެސް މިއަދު ދޯނި ފަހަރު ބޮޑެތިވެ 30 ޓަނު 40 ޓަނު ކިރޭ ވަރުގެ އެއްޗެއްސަށް ދޯނިފަހަރު ބަދަލު ވެއްޖެއެވެ. ނަަމަވެސް ކޫއްޑޫ އޮތީ ހަމަ އޮތް ހާލު ގައެވެ. ކެޕޭސިޓީ އަކަށް ބަދަލެއް ނާދެއެވެ.
