މަހުރަމަކާ ނުލާ މިހާރު ހައްޖާ އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވެއްޖެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ އަންހެން ހައްޖުވެރިންނާއެކު މީގެ ފަހުން މަހްރަމެއް ހުރުން ލާޒިމް ނޫން ކަމަށާއި މަހުރަމަކާ ނުލާވެސް ހައްޖާ އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް އެތެރެވާ އިރު، މަހްރަމަކު ގެނައުން މިހާރު މަޖުބޫރު ނޫން ކަމަށެވެ. މަހްރަމުންނަކީ، ފިރިމީހާ އާއި ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.
މީގެކުރިން ހައްޖާ އުމްރާގެ އަޅުކަން އަދާކުރުމުގައި ސައުދީ އަރަބިއްޔާއިން އަމަލުކުރާ އުސޫލުގައިވާ ގޮތުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީ އަށް އެތެރެވާ ކޮންމެ އަންހެނަކު، އޭނާއާ އެކުގައި މަހްރަމަކު ގެންދަންޖެހެއެވެ. އެހެންނަމަވެސް މި އުސޫލު މިހާރު ބަދަލު ކުރެވިފައިވާ ކަމަށް އިއްޔެ ވަނީ އިއުލާންކޮށްފައެވެ.
މީގެއިތުރުން ކޮންމެ މަހަކު، ކޮންމެ ކަހަލަ ވިސާއެއް ވިޔަސް، ވިސާ ދޫކުރުމަށް ވަކި އަދަދެއް ނޯންނާނެ ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މިހަތަނަށް އައިއިރު އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދިނުމުގައި ކޮންމެ މަހަކު ވެސް ވިސާ ދޫކުރަނީ ވަކި އަދަދަކަށެވެ. އަދި އުމްރާގެ އަޅުކަން ކުރުމަށް އެތެރެވެވޭނީ އެކަމަށް ޚާއްސަ ވިސާއެއް ނަގައިގެންނެވެ.
ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

