އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުމާއި ފުރިހަމަ އިނގިރޭސި ބަހުން، މޮޅު އިނގިރޭސި ބަހަކުން މަޒުމޫނެއް، ވާހަކައެއް ނުވަތަ އެހެންވެސް ލިޔުމެއް ލިޔުން، މިއީ މުޅިން ތަފާތު ދެކަމެކެވެ. ސަބަބަކީ ކިތަންމެ މޮޅަށް ވާހަކަ ދައްކަން އެނގޭ، ވަރަށް ފުރިހަމައަށް އިނގިރޭސި މަހުރަޖު ނުވަތަ ޕްރޮނައުންސް ކުރަން އެނގޭ މީހަކުގެ ލިޔުމުގައި ވަރަށް ގިނަ ކުށް ހުރެދާނެއެވެ.
ހަމަމީގެ އިދިކޮޅުވެސް އޮވެއެވެ. މޮޅަށް ލިޔަން އެނގޭ މީހަކަށް މޮޅު، އަޑުއަހާލަން ހިތްގައިމު، ރާގެއްގައި، މަހުރަޖަކުން އިނގިރޭސިން ވާހަކަ ނުދެއްކިދާނެއެވެ. ބުނަން މިއުޅެނީ މޮޅަށް ލިޔުމުގެ ވާހަކަ އެއް ނޫނެވެ. އެކަމަކު ރީތި، އަޑުއަހާ ހިތްވާފަދަ ރާގެއްގައި އިނގިރޭސިން ވާހަކަ ދެއްކުމާ ބެހޭ ގޮތުން އެއްޗެއް ލިޔެލުމަށެވެ. ސަބަބަކީ ދުނިޔެ ތަރައްގީވެ ކުރިއަރައިގެންދާ ވަރަކަށް އިނގިރޭސި ބަހުން މުއާމަލާތް ކުރަން ޖެހޭލެއް ބޮޑުވަމުން އަންނާތީއެވެ.
މީގެ ކުރިއާ މިހާރުގެ ތަފާތަކީ އަދުގެ ދުނިޔޭގައި ރާއްޖޭގައިވެސް ގިނަކަންތައްތަކުގައި ތަންތަނަށް ގުޅައިގެން މުއާމަލާތް ކުރަން ޖެހޭވަރު ބޮޑުވެފައި އާންމުކަމެވެ.
ކިތަންމެ މޮޅަށް ކިޔަވައިގެން ހުންނަ މީހަކަށްވެސް އިނގިރޭސި ބަހުން މުއާމަލާތްކޮށް، ފުރިހަމަ ރީތި މަހުރަޖަކުން އިނގިރޭސިން ވާހަކަ ދެއްކުމަށް ނުފަރިތަ ވެދާނެއެވެ. އެއީ އޭނާއަކީ އާއްމުކޮށް އިނގިރޭސިން ވާހަކަ ދައްކާ އުޅޭ މީހަކަށް ނުވާތީއެވެ. މިއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. ކިތަންމެ އުމުރުން ދޮށި ވެފައި ހުއްޓަސް މިއަދު އިނގިރޭސިބަސް ދަސް ކުރުމަކީ އަދުގެ ތަރައްގީވެ ކުރިއަރާފައިވާ ރާއްޖެފަދަ ގައުމެއްގައިވެސް ހަމަ އެއެވެސް ކަމެއް ނޫނެވެ. މިކަން ކުރުމަށް ބޭނުން ވަނީ ކުޑަވަރެއްގެ ހިތްވަރަކާއި ވަރުގަދަ އަޒުމެކެވެ.
މިހާރު ރާއްޖޭގައި އޮންލައިންކޮށްވެސް އަދި ސީދާ ކުލާސް ނަގައިދީގެން ވެސް އިނގިރޭސި ކިޔަވައިދޭ މުދައްރިސުން މަދެއް ނޫނެވެ. އަންހެނުންނަށް ހާއްސަކޮށް އަދި ފިރިހެނުންނަށް ހާއްސަކޮށް ވަކިވަކިން ނަގައިދޭ ކުލާސްތައްވެސް އެބަހުއްޓެވެ. މޮޅަށް ކިޔަވައިގެން ފާހެއް އޮތަސް އިނގިރޭސިން ވާހަކަ ދެއްކުމުގައި ކޮށިކަމެއް ހުރިނަމަ މިފަދަ ކުލާހެއްގައި ބައިވެރިވުމުގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި ހަމައެހެންމެ ޅައުމުރުގައި ދިމާވި ހާލަތަކުން ވަކިގުރޭޑަކާ ހަމައިން ތައުލީމީ ހަޔާތަށް އަލްވަދާއު ކިޔަން ޖެހުމުގެ ސަބަބުން އިނގިރޭސިން ބަސްތައް އަތުރާ ކިޔަން އަދި ލިޔަން އަދި ވާހަކަ ދައްކަން ވެސް ނޭނގުމަކީ މައްސަލައެއްކަމަށް ނުދެކޭށެވެ. އަދި ދަސްކުރަން ކުލާހަކަށް ދިއުމަކީ ނުވަތަ އޮންލައިކޮށް ގޭގައި އިނދެގެން ކިޔެވުމަށް ލަދުގަންނާކަށް ނުޖެހެއެވެ. ނުކެރި ހުރެގެން، މިކަމާ ކުރިމަތިލާން ލަދުގަތުމުގެ ސަބަބުން، މާދަމާ މާބޮޑު މަޖިލީހެއްގައި މާހިތްދަތިވާ ކަހަލަ ގޮތަކަށް ލަދުގަންނަން ޖެހިދާނެއެވެ.
ތިމާގެ ދަރިފުޅަށް ނާސަރީއިން ފެށިގެން ޓިއުޝަން ޓީޗަރެއް ގެންނަން މިޖެހެނީ އިނގިރޭސި ނޭނގުމުގެ ސަބަބުންނެވެ. އަދި ދަރިފުޅުގެ ގުރޭޑު މަތިވަމުންދާވަރަކަށް އަގުބޮޑުކޮށް މުދައްރިސުން މިގެންނަން ޖެހެނީ ހަމަ މިސަބަބާހެދިއެވެ. އިނގިރޭސިބަސް ނޭނގުމުން ސައިންސް، ސޯޝަލް، މިހެން ގޮސް އެހެން ހުރިހާ މާއްދާއެެއްގައިވެސް އެބުނަނީ ކީކޭކަން ނޭނގޭތީ މީހުން ގާތު އަހަން ޖެހުން ނޫނީ ބޮޑު އަގުދީފައި ޓިއުޝަން ދޭން މަޖުބޫރުވެދެއެވެ. މިއީ އެއްވެސް ހާލެއްގައި ހައްލު ނުކުރެވޭނެ ކަންތައްތަކެއް ނޫނެވެ.
ހަމައެންމެ ކުޑަ ހިތްވަރެއްކޮށްލަމާ ހިނގާށެވެ. ޖެހިލުންވުމާއި ލަދު ދުރުކޮށްލާށެވެ. އިނގިރޭސިބަހުގެ އެކިދަރަޖައިގެ އެކިކަންކަމުގެ ކޯސްތައް ކުރިއަށް ގެންދާ ތަންތަން ސޯޝަލްމީޑިއާއިން ހޯދައިގެން، ގުޅާ އޮޅުން ފިލުވާށެވެ. އަދި ލިބޭ މައުލޫމާތާއި ވާހަކަ ދެއްކުމުން އެނގުނު ކަންތައްތަކަށް ބަލާފައި އެންމެ ރަނގަޅު، އެންމެ ބޭނުން ހިފޭނެ ތަނަކަށް އަވަހަށް ރެޖިސްޓާރ ކޮށްގެން ކިޔަވަން ފަށާށެވެ. އަހަރު ދެއަހަރު ވިޔަސް ނަތީޖާ ވަރަށް ފޮނިވާނެއެވެ. ޔަގީނުންވެސް ހައެއްކަ ހަފުތާއިން ތިމާއަށް އަންނަ ބަދަލާމެދު ފަހުރުވެރިވާނެއެވެ. “ހައުޔޫ ޑުއިން” ގެ ބަދަލުގައި “ހައު އާ ޔޫ ޑުއިންގ”، “އައި ފޯލެން ޔޫ” ގެ ބަދަލުގައި “އައިވް ފޯލެން ފޯރ ޔޫ” “އައިވް ފޯލެން އިން ލަވް ވިތު ޔޫ”، ލަވައެއްގައި ކިޔަނީކީކޭކަން ނޭނގިގެން “ވަޑީޑިކަމްކަމްވަޑީޑިގޯ ވަޑީޑިކަމްފޯމްކަންނާޖޯ” ކިޔުމުގެ ކުރިން އަޑުއަހާލުމުން އެލަވައިގައި އެކިޔަނީ “ވެއާ ޑިޑް ޔޫކަމް ފްރޮމް، ވެއާ ޑިޑް ޔޫގޯ، ވެއާ ޑިޑް ޔޫ ކަމް ފްރޮމް. ކޮޓްނައިޖޯ…..(ކޮޓްންއައިޖޯ)” މިހެން ކަން އެނގޭނެއެވެ.
އޭރުން ދެން ޔަގީނުންވެސް ދަރިފުޅުގެ ރައްޓެހިން ނުވަތަ ސުކޫލުކުދިންގެ ކުރިމަތީގައި ލަދުގަންނާކަށް ދަރިފުޅުވެސް އަދި ބެލެނިވެރިޔާވެސް ނުޖެހޭނެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއޭ ބުނާ އުސޫލުން ނުކެރި ލަދުގަތުމުން އުމުރުން ބޭކާރުވާނީ އަނެއްކާވެސް އަހަރެކެވެ. އަދި ބޭކާރު ހަރަދުވެސް ކުރަން ޖެހި، އަނެކުންގެ ކުރިމަތީގައި ގަންނަލަދު މާބޮޑުވާނެ ނޫންހެއްޔެވެ؟

