ޔުނިކް ސްޕޯރޓްސް ކްލަބުން ތިނަދޫގައި ކުރިޔަށް ގެންދާ 8 ބޯލް ބިލިއާރޑް މުބާރާތުން، 8 ކުޅުންތެރިއަކު ކަަޓައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކުޅެވުނު ލޫޒާރޒް ބްރެކެޓްގެ، 8 މެޗުން ކަޓާފައިވާ ކުޅުންތެރިންނަކީ، އިބްރާހިމް ހުސައިން، ނޫރުއްﷲ ނިޔާޒް، ލިޝާމް ޖައުފަރު، މުހައްމަދު ހިލްމީ، ހުސައިން ޝަކީބް، ޝައްފާފު ރަޝީދު، އަޙްމަދު ޒައިދު، މުޙައްމަދު ނިޔާޒުގެ އިތުރުން މުހައްމަދު ޔައީޝް އަލީ ޝާމް އެވެ.
މުބާރާތުގައި ރޭ، ވިނާރސް ބްރެކްޓްގެ 8 މެޗު ކުޅެފައެވެ. އެއާއެކު މިރޭވެސް 8 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅެވޭނީ ލޫޒާރސް ބްރެކެޓް ގެ މެޗް ތަކެކެވެ.
ޔުނިކް ސޯޝަލް ސެންޓަރ ގަައި ކުރިޔަށް ދާ މި މުބާރާތަކީ ތިނަދޫގައި މިހާ ބޮޑުކޮށް ބޭއްވޭ ބިލިއާރޑްގެ ފުރަތަމަ މުބާރާތެވެ.
ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

