ޔުނިކް ސްޕޯރޓްސް ކްލަބުން ގދ. ތިނަދޫގައި ކުރިޔަށްގެންދާ ޔުނިކް 8ބޯލް ބިލިއާރޑް މުބާރާތުގެ ސެމީ-ފައިނަލަށް ޒައިދު އަދި ޔަޝްފައު ދަތުރު ކޮށްފިއެވެ.
މި ކުޅުންތެރިންނަކީ މުބާރާތުގެ ވިނާރސް ފަޅިން ސެމީއަށް ދަތުރު ކޮށްފައިވާ ދެ ކުޅުންތެރިންނެވެ. މިމެޗު އޮންނާނީ މިރޭ 21:15ގައި މުބާރާތް ކުރިޔަށްދާ ޔުނިކް ސޯޝަލް ސެންޓަރުގައެވެ.
މުބާރާތުގެ ލޫޒާރސް ފަޅީގައި މިރޭ ސެމީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަނޫފް އަދި ރައްޔާން އެވެ. މި މެޗުން މޮޅުވާ ކުޅުންތެރިއަކު ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މުބާރާތުގެ ވިނާރސް ފަޅީގެ ސެމީ އިން ބަލިވާ ކުޅުންތެރިޔާއެވެ.
މި މުބާރާތުގެ ސެމީގެ ތިން މެޗުވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ.
ޔުނިކް ސޯޝަލް ސެންޓަރ ގަައި ކުރިޔަށް ދާ މި މުބާރާތަކީ ތިނަދޫގައި މިހާ ބޮޑުކޮށް ބޭއްވޭ ބިލިއާރޑްގެ ފުރަތަމަ މުބާރާތެވެ.
ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

