ކަމަކަށް ހިތްޖެހިއްޖެނަމަ އެއީ، ވަރަށްވެސް ތަފާތު އިހުސާސަކާއި އަސަރަކާއެކު އެކަމަށް މީހާ ޖާނާއި މާލާއި ހިތާއި ފުރާނައިން ފިދާވެގެންވެސް ހިތްޖެހުނު އެކަމެއް ކުރާނެއެވެ. އެކަމެއް ވާން އޮތް ތަނަކަށް ގޮސް އެކަމެއް ވާން އޮތް ގޮތަކަށް ކުރާނެއެވެ. މިއީ އިންސާނާގެ ފިތުރީ ކަމެކެވެ. އެހެންކަމުން ތިމާ ބޭނުންވާ ކަމެއް، ނުވަތަ ތިމާގެ ހިތުގައި އެކަމަކަށް ޝައުގާއިލޯބި އުފެދިއްޖެ ކަމެއް ހާސިލު ކުރުމަށްޓަކައި ހުރަސްކުރަން ޖެހޭ ކޮންމެ ދަތިއުނދަގުލަކާވެސް ފަސްޖެހުމެއް ނެތި ކުރިމަތިލާނެއެވެ. އެކަމަކު މިކަން ކުރެވެނީ މަދުބަޔަކަށެވެ. އެމީހުން މިހިމެނެނީ އަމިއްލަ ހިތުގެ ޝައުގާއި ލޯތްބަށްޓަކައި ގުރުބާންވާމީހުންގެ ތެރޭގައެވެ. މިއީ އަޒުމުގައި ހަރުދަނާ، ކަމަށް ކަމޭހިތުމުގައި ދެމިހުންނަ، އެކަމަކަށް ވަފާތެރި އިހުލާސްތެރިންނެވެ.
މިދެންނެވި ފަދައިން ތިމާގެ އެންމެ އަލަތު އަދި ފުރަތަމަ ލޯތްބަކީ ތިމާގެ ޕްރޮފެޝަން ކަމުގައިވާ، ރާއްޖޭގެ ކުދިބޮޑު އެތައް ދިވެހިންނަކަށް ފަތަން ދަސްކޮށްދެމުން އަންނަ އއ.އުކުޅަހަށް އުފަން ނައުފަލް މޫސާގެ ނަން ހަމަގައިމުވެސް ނޭނގޭ މީހަކު މަދުވާނެއެވެ. އުމުރުން ހަމައެންމެ ސޯޅަ އަހަރުގައި ފެތުމުގެ މުބާރާތުން ފުރިހަމަ އެއްވަނައެއް ހާސިލު ކުރެވުމާއެކު، ފެތުމުގައި ހުރި މުހިންމުކަމާއި ރާއްޖޭގެ ބިމަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި ފެތުމަކީ ކޮންމެހެންވެސް އެނގުން ހަމަ ލާޒިމު ކަމެއްގެ ގޮތުގައި ވިސްނިގެން، އިންތިހާ ލޯތްބާއި ޝައުގާއެކު ފަތަންދަސްކޮށްދޭން ފެށި ނައުފަލަށް ވަނީ މިދާއިރާއިން ތަފާތު ކާމިޔާބީތައްވެސް ލިބިފައެވެ. މިވަގުތު ޅ އަތޮޅުގައި ފަތަން ދަސްކޮށްދިނުމުގެ ހަރަކާތް ކުރިއަށް ގޮސް ހުރި ނައުފަލް ގަބޫލު ކުރާ ގޮތުގައި މިއީ ބޮޑު އަގު ނަގައިގެން ކުރަންވާ ވަރުގެ ކަމެއް ނޫނެވެ. އޭގެ ހެއްކަކީ ނައުފަލް ހިލޭސާބަހަށް ފަތަން ދަސްކޮށްދީފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމެވެ.
ރާއްޖޭގެ އެކިއުމުރުގެ ދެޖިންސުގެ، ކުދިބޮޑު އެތައްބަޔަކަށް ފަތަންދަސްކޮށްދިނުމުގައި ދުވަހުގެ ބޮޑުބައެއް ހޭދަކުރަމުންދާތާ އެތައް އަހަރެއްވެފައިހުރި، ފަތަންދަސްކޮށްދިނުމަކީ ހިތާއި ނަފުސުގެ އުފާކަމުގައި ގަބޫލުކުރާ ނައުފަލް، ޅަވިޔަނި އަތޮޅު ހިންނަވަރުގެ ޕްރޮގްރާމް ނިންމުމަށްފަހު މިވަގުތު ހުރީ އެއަތޮޅު ނައިފަރުގައެވެ. ނައުފަލް ގަބޫލު ކުރާ ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ނައިފަރުގައި އެތައް ބަޔަކަށް ފަތަން ދަސްކޮށްދެވޭނެއެވެ.
ނައިފަރު ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ތެރޭގައި ހާއްސަ ފަރާތްތަކެއްވެސް ނައުފަލް ވަކިން ފާހަގަކުރިއެވެ. މަދަރަސަތުލް އިފްތިތާޙު އާއި ނައިފަރު ޕޮލިސް ސްޓޭޝަން ގުޅިގެން، މަދަރަސަތުލް އިފްތިތާޙުގެ އެސް.ކޭ.ޖީ ދަރިވަރުންނަށް ފަތަން ދަސްކޮށް ދިނުމަށް ހިންގުނު ޕްރޮގްރާމްގައި ބައިވެރިވެ، ކުދިންނަށް ފަތަން ދަސްކޮށް ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޅ.އަތޮޅު ކޮމާންޑަރ ރިއްފަތު ސަރ އާއި ނައިފަރު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުން އަދި މަދަރަސަތުލް އިފްތިތާޙުގެ ޕްރިންސިޕަލް އާއި ނައިފަރު ކައުންސިލްގެ ރައީސަށް ނައުފަލް ފަށްފަށުން، ނިހާޔަތަށް ޝުކުރު އަދާކުރެއެވެ.
ނައިފަރުގެ މިދަތުރުގައި، އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއާމެދު ބެހެއްޓި ގާތްކަމާއި އެރަށުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ޕްރޮގްރާމް ކުރިއަށް ދިޔައިރު ފެނިގެންދިޔަ ޖޯޝާއިފޯރި ވަރަށްވެސް ބޮޑަށް ނައުފަލް ފާހަގަކުރިއެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ނައިފަރުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ދިއުމަށް ހަމަޖެހިއްޖެނަމަ ނައުފަލްގެ ފަރާތުން ހަމައެންމެ ފުރިހަމައަށް އެހީތެރިކަން ލިބޭނެކަންވެސް ހާމަކުރިއެވެ.

ނައުފަލް ކުއްޖަކަށް ފަތަން ދަސްކޮށްދެނީ
ރާއްޖޭގެ އެތައްއެތައް ބަޔަކަށް ބިރެއް ޖެހިލުމެއް ނެތި ކަނޑަށް ނުކުމެ އުޅުމުގެ ބޮޑު ދައުރެއް އަދާކޮށްފައިވާ ނައުފަލަކީ އުފާވެރި ޒިންމާދާރު ފިރިއެކެވެ. އަދި ހަމައެހެންމެ އޯގާތެރި، ލޮބުވެތި ބައްޕައެއްވެސްމެއެވެ. ގިނައަދަދެއްގެ ކުދިންނާއި މީހުންނަށް ހިލޭ ފަތަން ދަސްކޮށްދީފައިވާ ނައުފަލު ވަނީ މިހާތަނަށް އައިއިރު ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ. 2018ވަނައަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނިގެން ބޭރު ސައުދީ އަރަބިއްޔާގައި ރާއްޖެ ތަމްސީލުކޮށްދެވުމަކީ ނައުފަލް ވަރަށްވެސް އުފާ ކުރާ އަދި ފަޚުރުވެރިވާ ކާމިޔާބީއެކެވެ.
ނައުފަލަށް ލިބޭ އެންމެ ބޮޑު އުފަލަކީ ތިމާގެ ފުށުން އެހެން މީހަކަށް ފައިދާކުރަނިވި ކަމެއް ކޮށްދެވުނުކަމުގެ ރޫހާނީ ހިތްހަމަޖެހުމެވެ. ދެން ނައުފަލް ދެކޭ ހުވަފެނަކީ ރާއްޖޭގެ އެންމެ ގިނަ އަދަދަކަށް މީހުންނަށް ފަތަންދަސްކޮށްދެވުނު މީހާގެ ލަގަބު އޭނާއަށް ލިބުމެވެ. އަދިވެސް ނައުފަލް މިދާއިރާގެ މުސްތަގުބަލާމެދު ދެކޭ ހުވަފެންތަކާއި ކުރާ އުއްމީދުތަކުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަނުގައި އޭނާ މިހާރު ކުރިއަށް އެގެންދާފަދަ ބޮޑު މަސައްކަތަކަށް ރަނގަޅު ބަޖެޓެއް ނެތުމާއެކު، ސަރުކާރުން އޭނާގެ މިމަސައްކަތް ބަލައިގަނެ، މިދާއިރާގައި ކަންތައްތައް ކުރިއަރުވަން އެހީތެރިކަން ލިބި އަތޮޅުތެރޭގެ ރަށްރަށުގެ ކުދިންނަށް ފަތަންދަސްކޮށްދިނުމަށްވެސް ސަރުކާރުގެ އެހީ ލިބިގެންދިއުމެވެ.
ކޮންމެއަކަސް ނައުފަލަކީ ދިވެހިންގެ އެންމެ ހާއްސަ ރައްކާތެރިކަމުގެ ތަމްރީނު، ކަނޑަށް ނުކުތުމުގައި އެންމެ މުހިންމު ސަލާމަތީ އެއް ފިޔަވަޅު ކަމަށްވާ "ފަތަން އެނގުން" ދިވެހިރާއްޖޭގެ އެތައްބަޔަކަސް އުނގަންނައިދިނުމުގައި ފޫއްސެއް ވަރުބަލިވުމެއް ނެތި ނުހަނު ލޯތްބާއެކު ކުރިއަށް ގެންދާ އެދުރެކެވެ. ޔަގީނުންވެސް ނައުފަލުގެ ސަބަބުން، ފަތަން ދަސްވެފައި ތިބި އެތައް ބައެއް ތިބިއިރު، އޭގެތެރެއިން ބަޔަކު ފަތަންއެނގުމުގެ ސަބަބުން އެތައްއެތައް ކަމަކުން ސަލާމަތްވެފައިވާނެއެވެ. މިއީ ހަަގައިމުވެސް އާދައިގެ ކަމެއްނޫނެވެ. ނައުފަލުގެ މިލޯތްބަށް ހަމަސާބަހެވެ.

