އުމުރުން އެންމެ 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މެރުމަށްފަހު ފޮއްޓަކަށް އަޅާފައި އޮތްވާ ފެނިއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގާދިޔަ މި އަނިޔާވެރި އަމަލުގައި ފުލުހުންނަށް ތުހުމަތު ކުރެވޭ އަންހެން މީހާ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.
ލޯލާ ނަމަކަށް ކިޔާ 12 އަހަރުގެ އަންހެން ކުއްޖާ ސްކޫލުން ގެޔަށް ނައިސް ލަސްވާތީ އެކުއްޖާގެ ބައްޕަ ވަނީ މިކަން ފުލުހުންގެ ސަމާލުކަމަށް ގެންސްފައެވެ. ފުލުހުން ހޯދި ހޯދުމުން މިކުއްޖާ ފެނުނީ މަރާލާފައި ފޮއްޓަކަށް ލާފައި އޮތްވާއެވެ.
ހުކުރު ދުވަހު ރޭގެ ވަގުތެއްގައި ލޯލާ ދިރިއުޅޭ އެޕާޓްމަންޓް އިމާރާތުގެ ގޯތިތެރެއިން ފެނުނު ފޮއްޓެއްގެ ތެރޭގައި ފޮތިގަނޑެއް އަޅައި ފޮރުވާފައި އޮތީ ލޯލާގެ ފުރާނަ ނެތް ހަށިގަނޑެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ކުއްޖާގެ އަތާއި ފައި އޮތީ ބަނދެފަ އެވެ. އަދި ކަަރުގައި ބޮޑު ޒަހަމެއް އޮތެވެ. ހަފުތާ ބަންދުގައި ހެދި އޮޓޮޕްސީން އެނގުނީ މަރުވީ ނޭވާ ހާސްވެގެން ކަމަށެވެ.
ޕެރިސްގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައިވާ ގޮތުން އެ ކުއްޖާގެ ފައިގައި ދެ ނޯޓު ހަރުކޮށްފައި އޮތް އިރު، އެއް ނޯޓުގައި ލިޔެފައި އޮތޯ “0” އެވެ. އަދި އަނެއް ނޯޓުގައި ލިޔެފައި އޮތީ “1” އެވެ.
މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލްޖީރިއާއަށް އުފަން 24 އަހަރުގެ އެ މީހާއަށް ނޫސްތަކުން ނިސްބަތް ކުރަނީ ޑާހްބިއާ ބީގެ ނަމުންނެވެ.
ލޯލާ ދިރިއުޅޭ އެޕާޓްމަންޓަށް އެއަންހެންމީހާ ވަނީ އެކުއްޖާ އެކީގައެވެ. ދެން ފެނިގެންދިޔައީ ކޮންޓެއިނަރ އެއް ހިފައިން އިމާރާތުން އެއަންހެންމީހާ ނުކުމެގެން ދިޔަ މަންޒަރެވެ. އިމާރާތުން ނުކުމެ، މަގުމަތީގައި ޝައްކު ކުރެވޭ ގޮތަކަށް އޭނާ އުޅުނެވެ. އެ ކޮންޓެއިނަރ އުފުލުމުގައި އެހީވި ކަމަށް ބެލެވޭ 43 އަަހަރުގެ ފިރިހެނަކު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ. ކާރުގައި ދުއްވުމަށް ފަހު އޭނާ އެނބުރި އައީ އެޕާޓްމަންޓު އިމާރާތަށެވެ. މިމަންޒަރު ސީސީޓީވީ ކެމެރާއަށް ވަނީ އަރާފައެވެ. ފުލުހުން ދެކޭ ގޮތުގައި އެ އަންހެން މީހާއަކީ ނަފްސާނީ ބަލީގެ މީހެކެވެ.
ޑާހްބިއާ ބީގެ ދައްތަ ދިރިއުޅެނީ އެ އިމާރާތުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އާއި އޭނާގެ ދައްތަ ޒުވާބު ކުރި އަޑު އިމާރާތުގައި އުޅޭ އެހެން މީހުންނަށް އިވުނެވެ.
އެ ކުއްޖާގެ މަރާ ގުޅިގެން ޕެރިހުގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

