ގދ ތިނަދޫ ގައި ހިގާ ޖަމްޢިއްޔާއެއް ކަމުގައިވާ ސްޕޯޓްސް ކްލަބް ޔުނީކް ގެ “ޔުނިކް 8 ބޯލް ބިލިއާރޑް 2022” ގެ ޗެމްޕިިއަންކަން ޒައިދު މުހައްމަދު ހޯދައިފިއެވެ. ޒައިދު ޗެމްޕިއަންކަން ހޯދީ މިރޭ ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރު ގައި ކުޅުނު ފައިނަލް މެޗުގައި އަނޫފް އަހުމަދު އާއި ބައްދަލު ކޮށް 4-3 ކުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ސްޕޯޓްސް ކްލަބް ޔުނީކް އިން އިންތިޒާމް ކޮށްގެން ގދ. ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ޔުނީކް 8 ބޯލް ބިލިއާރޑް މުބާރާތުގެ ފައިނަލް މެޗް ޒައިދު އާއި އަނޫފް މިރޭ ކުޅުނުއިރު މި 2 ކުޅުންތެރިންނާށް ވެސް ވަނީ މާލޭގައި އޮންނަ މޯލްޑިވްސް ޕޫލް ބިލިއާރޑް ގައުމީ މުބާރާތުން ޖާގަ ލިބުނީ ޔުނިކް 8 ބޯލް ބިލިއާރޑް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައެވެ.
މި މުބާރާތުގެ 3 ވަނަ ޔަޝްފައު އަށް ލިބުނުއިރު 4 ވަނަ ލިބިފައިވަނީ ރައްޔާނަށެވެ.
މީގެ އިތުރުން 5 ވަނައަށް ހޮވުނު ކުޅުންތެރިޔާ އިން ފެށިގެން 8 ވަނައަށް ދިޔަ ކުޅުންތެރިޔާ ހަމައަށް، ކޮންމެ ކުޅުންތެރިޔަކަށް -/500 ރުފިޔާ ވަނީ ދީފަ އެވެ. އަދި 9 ވަނަ އިން ފެށިގެން 16 ވަނައަށް ދިޔަ ކޮންމެ ކުޅުންތެރިއަކަށް -/200 ރުފިޔާގެ އިނާމެއް ދީފައި ވާއިރު އެންމެ މޮޅު 4 ކުޅުންތެރިންނަށް ބިލިއަރޑް ކިއު އެއް ވަނީ ދީފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރާތަށް 7،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ދެވަނަ ހޯދި ފަރާތަށް 3،000 ރުފިޔާ، ތިން ވަނަ އަދި 4 ވަނައަށް ހޮވޭ ކުޅުންތެރިޔަކަށް -/1500 ރުފިޔާ ވަނީ ޙަވާލު ކޮށްފައެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތަށި ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް ބިލިއާރޑް އެސޯސިއޭޝަން ގެ ރައީސް އަހުމަދު ނާސިފް އާއި ސްޕޯޓްސް ކްލަބް ޔުނީކްގެ ފައުންޑަރ ސައުދުﷲ ހިލްމީގެ އިތުރުން ކްލަބްގެ ރައީސް އަހުމަދު އަޝްރަފްއެވެ.
އެހެނިހެން އިނާމްތައް ހަވާލުކޮށްދެއްވީ ސްޕޯޓްސް ކްލަބް ޔުނީކްގެ ރައީސް އަހުމަދު އަޝްރަފް، ކްލަބްގެ ނައިބް ރައީސް އަހުމަދު އުޒައިރު، ކްލަބްގެ ފައުންޑަރ މެމްބަރ މުހައްމަދު ޒުބައިރު، ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ނަސްރުﷲ އަލީ، އަދި ތިނަދޫ ސްޕޯޓްސް ކައުންސެލަރ އަރޫޝާ މުހައްމަދު އެވެ.
މިރޭ ނިމިގެން ދިޔަ މުބާރާތުގައި 32 ފަރާތަކުން ބައިވެރިވެފައިވިއެވެ. އަދި ޑަބަލް އެލިމިނޭޝަން އުސޫލަށް 61 މެޗު ވަނީ ކުޅެފައި އެވެ.
ސްޕޯޓްސް ކްލަބު ޔުނީކަކީ ދާދި ފަހުން ތިނަދޫގައި ރަޖިސްޓަރީ ކުރި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ތިނަދޫ ގައި ބިލިއާރޑް ، ބެޑްމިންޓަން ، ސިނަމާ އަދި ކަރަައޯކޭ ރޫމް އަދި ޖަލްސާކުރާނެ ހޯލާއި އެހެނިހެން އިންޑޯ ކުޅިވަރު ކުޅެވޭނެ ތަންތަނާއި އެކު ޖަމިއްޔާ ގެ އޮފީސް ހިމެނޭހެން ސޯޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި އިމާރާތް ހުޅުވުމާއި ސްޕޯޓްސް ކްލަބް ޔުނިކް އިފްތިތާޙް ކުރުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

