ދިރުވާލައިގެން 80 ބުލެޓްގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
17 ޖޫން 2022 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ސައުތުއެފްރިކާގެ ރައްޔިތެއް ކަމަށްވާ ޒަމެކިލެ ލެސިއާ ވަނީ ދިރުވާލައިގެން މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށްފައެވެ. އަދި ތަޙުޤީޤު މަރުޙަލާގައި އޭނާ ވަނީ ކުށަށް އިޢުތިރާފްވެ، އެ އިއުތިރާފް ޝަރީއަތުގައިވެސް ދަމަހައްޓާފައެވެ. އެންމެ ކުޑަ އަދަބު އޭނާގެ މައްޗަށް އިއްވާފައިވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުމުންނެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައިވާއިރު، އެ ކުށުގެ އަދަބަކީ 25 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި 100،000 ރުފިޔާއިން ފެށިގެން 10،000،000 ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އެހެންނަމަވެސް މިމައްސަލަ ބެއްލެވި ޤާޟީ އިސްމާޢީލް ޝަފީޢު ވަނީ ޒަމެކިލެ ލެސިއާގެ މައްޗަށް 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އަދި އެ ފައިސާ 12 މަސް ދުވަސް ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
ޒަމެކިލެ ލެސިއާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލުގައި ޒަމެކިލެ ލެސިއާ ހޭދަކުރަން ޖެހެނީ 12 އަހަރާއި 2 މަސްދުވަސް ކަމަށް ޤާޟީ އިސްމާޢީލް ޝަފީޢު ވަނީ ނިންމާފައެވެ.

