ކުރިޔަށް އޮތް ނޮވެންބަރު މަހުގެ ކުރީކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ހުޅުވާލި ބިޑް ކާމިޔާބް ކޮށްފައިވަނީ ތިނަދޫ އެސޯސިއޭޝަންފޯ ޔޫތް ޑިވެލޮޕްމެންޓް އެންޑް އެންޕަވަރމަންޓް (ޓޭޑް) އިންނެވެ. އެހެން މުބާރާތްތަކާ ތަފާތުގޮތަކަށް ފެށުންވެސް ފިނިގެންދާ މިމުބާރާތުގެ ނަމަކީ "ހަރަހެރި 2022" އެވެ. "ހަރަހެރި" މިބަހަކީ ހުވަދޫ ބަހުރުވައިގެ ހިމެނޭ ބަހެކެވެ. މާނަޔަށް ބަލާލާއިރު މިއީ "ހަރުދަނާ، ހީވާގި" އެވެ.
ތިނަދޫ ކައުންސިލުން ތިނަދޫގެ ޒުވާނުންނަށް ހާއްސަކުރެވިގެން ބާއްވާ މިމުބާރާތް ރަސްމީކޮށް އިއުލާންކޮށްފައިވަނީ އިއްޔެގެވަގުތެއްގައި ޓޭޑްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖްގައެވެ. މުބާރާތުގެ ރަސްމީ ލޯގޯއާއެކު މުބާރާތުގައި ބައިވެރިވުމަށް ޓީމްތައް ރަޖިސްޓްރީވާން ޖެހޭ ތާރީހް ވަނީ މި ޕޯސްޓްގައި އާންމުކޮށް އިއުލާނުކޮށްފައެވެ.

ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގެ ލޯގޯ- ފޮޓޯ: ޓޭޑް
ޓީމް ރެޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައި ވަނީ މިހިގާ އޮކްޓޯބަރ 22 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ 27ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ޓޭޑް ޖަމިއްޔާގެ ނައިބު ރައީސް އަޙްމަދު ޝިޔާޒް ނައީމް ވިދާޅުވީ މި މުބާރާތަކީ ތިނަދޫ ކައުންސިލުން ތިނަދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ރާވައިފައިވާ މުބާރާތެއްކަމަށެވެ. އެހެންކަމުން ޖަމިއްޔާއިންވެސް މުބާރާތް ރާވައި ހިންގުމުގައި މައިގަނޑު ފޯކަސްއަކަށް ވާނީ ކައުންސިލްގެ އެ މަގުސަދުކަމުގައެވެ. އަދި އޭގެ އިތިރުން މުބާރާތުގެ ފޯރި އިތުރުކުރުމަށް މުބާރާތުގައި ތިނަދޫގެ އިތުރުން މި ޒޯންގެ އެހެން ރަށްތަކުގެ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.
އެގޮތުން ރަށުން ބޭރުގެ 04 ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ޖުމްލަކޮށް މުބާރާތާ ބެހޭގޮތުން އެއްޗެއް ބުނަންޏާ މި މުބާރާތް ވާނެ ތިނަދޫގައި މިހާތަނަށް ބޭއްވޭ އެނެމެ ފޯރިގަދަ އަދި ފުރިހަމަ ތަފާތުކަންތަށްތަކެށް ފެނިގެންދާނެ މުބާރާތަކަށް، ބޭނުމަކީ ތިނަދޫގެ ފުޓްބޯޅަ ކޮމިއިނިޓީއަށް ރަނގަޅު ފެންވަރުގެ މުބާރާތެއް ގެނެސްދިނުން" ޝިޔާޒް އިތުރަށް ވިދާޅުވިއެވެ.
ޓޭޑް ޖަމިއްޔާއިންވަނީ ތިނަދޫގައި ގިނަ ހަރަކާށްތަކެއް މި ނިމޭ 2022 ގައިވެސް ރާވައި ހިންގައިފައެވެ.

